މާލޭގެ މޭޔަރަކު ހޮވުމަށާއި، މާލޭގެ ތިން ދާއިރާއެއްގެ ކައުންސިލަރުން ހޮވުމަށް މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ބޭފުޅުން މިރޭ މަގާމުގެ ހުވާކުރައްވައިފިއެވެ.
މިބޭފުޅުން ހުވާކުރުމުގެ ދަރުބާރު އޮތީ މިރޭ މާލޭގެ ދަރުބާރުގޭގައެވެ.
އެ ބައި އިލެކްޝަންގައި މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވި، އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާދަމް އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ މިރޭ ކުރެއްވުމުގެ އިތުރުން، އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާއަށް އިންތިހާބުވި އަހުމަދު ރިޝްވާން އާއި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމް ވެސް ވަނީ މިރޭ މަގާމުގެ ހުވާ ކުރައްވާފައެވެ.
އަހުމަދު ރިޝްވާން މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާއަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓްގައި ނަމަވެސް މަގާމުގެ ހުވާކުރުމުގެކުރިން އޭނާ ވަނީ އެމްޑީޕީން ވަކިވެ، ވެރިކަންކުރާ ޕީއެންސީ އަށް ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މާލޭގެ މޭޔަރުކަން ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި ރައީސް މުޢިއްޒު، ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ރާއްޖޭގެ ރައީސްކަމުގެ ހުވާކުރެއްވުމަށް 17 ނޮވެމްބަރު 2023 ވަނަ ދުވަހު މާލޭގެ މޭޔަރުކަމުން އިސްތިއުފާ ދެއްވުންނެވެ.
މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ގޮނޑި ހުސްވީ، އެ ގޮނޑިތައް ފުރުއްވަމުން ގެންދެވި ތިން ބޭފުޅުން އައު ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް މަގާމުން އިސްތިއުފާދެއްވުމުންނެވެ. މިގޮތުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް އިސްތިއުފާދެއްވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމާ ހަވާލުވުމަށެވެ. ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ސްޓޭޓް މިނިސްޓަރަކަށް ވަޑައިގަތުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!