މި އަހަރުގެ ބަޖެޓުން ހަ ޕާޓީއަކަށް 44 މިލިއަން ރުފިޔާ

އީސީގެ ރައީސް ފުއާދު (މ) އަދި އެ ކޮމިޝަންގެ އިދާރީ ބައެއް ވެރިން، ފޮޓޯ: އީސީ
އީސީގެ ރައީސް ފުއާދު (މ) އަދި އެ ކޮމިޝަންގެ އިދާރީ ބައެއް ވެރިން، ފޮޓޯ: އީސީ

މި އަހަރު ދައުލަތުގެ ބަޖެޓުން ޖުމްލަ ހަ ޕާޓީއަކަށް 44 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ.

އީސީން މިއަދު ވަނީ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު، 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކާއި އަދި އެ ޕާޓީތަކަށް މި އަހަރުގެ ދައުލަތުގެ ބަޖެޓުން ދޫކުރުން ނިންމާފައިވާ ފައިސާގެ މިންވަރު ހާމަކޮށްފައެވެ.

މިއަދު ހަ ޕާޓީއަށް ޖުމްލަ 44،099،905 ރުފިޔާ ދޫކުރުމަށް ނިންމާފައިވާކަމަށް އީސީން ބުންޏެވެ. މި ފައިސާ ދޫކުރަނީ ތާރީޚް ގުނާއިރު އެ ޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތަށް ބަލައިގެންނެވެ.

މިގޮތުން މިއަހަރު އެންމެ ގިނަ ފައިސާ ލިބެނީ ވޭތުވި ފަސް އަހަރެއްހާ ދުވަހު ވެސް އެންމެ ގިނައިން ދައުލަތުން ދޭ ފައިސާ ލިބުނު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށެވެ. އެ ޕާޓީގައި 31 ޑިސެމްބަރު 2023ގެ ނިޔަލަށް 52،142 މެންބަރުން ތިބިއިރު، މިއަހަރު ބަޖެޓުން އެ ޕާޓީއަށް ލިބޭ ނިސްބަތަކީ 15،101،580.43 ރުފިޔާއެވެ.

ދެވަނަ އަށް އެންމެ ގިނައިން ލިބެނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދުގެ ޕީޕީއެމް އަށެވެ. އެ ޕާޓީއަށް 10،491،054.20 ރުފިޔާ ލިބޭއިރު އެ ޕާޓީގައި 31 ޑިސެމްބަރު 2023ގެ ނިޔަލަށް 36،223 މެންބަރުން އެބަތިއްބެވެ. ތިން ވަނަ އަށް އެންމެ ގިނައިން ލިބެނީ އެ އިއްތިހާދުގެ ޕީއެންސީ އަށެވެ. 31 ޑިސެމްބަރު 2023ގެ ނިޔަލަށް އެ ޕާޓީގައި 28،201 މެންބަރުން ތިބިއިރު، އެ ޕާޓީއަށް މިއަހަރު 8،512،689.58 ރުފިޔާ ލިބެއެވެ.

ހަތަރު ވަނަ އަށް އެންމެ ގިނައިން ލިބެނީ 18،349 މެންބަރުން ތިބި ޖުމްހޫރީ ޕާޓީ އަށެވެ. އެ ޕާޓީ އަށް 5 މިލިއަން ރުފިޔާ ލިބޭއިރު، 8،796 މެންބަރުންނާއެކު އޮތް އަދާލަތު ޕާޓީއަށް 2.5 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް 2.4 މިލިއަން ރުފިޔާ ލިބެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެ އަދަދު އެ ޕާޓީއެއް ގައި ހަމަވޭތޯ ބަލާނީ ދައުލަތުގެ އެ އަަހަރުގެ ބަޖެޓް ފާސްކުރާ ދުވަހާއި ހަމަައަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ގައި އެ ޕާޓީއެއްގެ މެންބަރުން ކަމަށް ބަޔާންކޮށްފައިވާ އަދަދުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި