ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް އިއްތިހާދު)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ކުރިމަތިލި ހުރިހާ މެންބަރުންނަށް ފުރުސަތުދޭން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އަދުރޭ ވިދާޅުވެފައިވާގޮތުގައި ޕްރޮގްރެސިވް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ސުން ގަޑި ހަމަވިއިރު، ކުރިމަތިލި އެ އިއްތިހާދުގައި ހިމެނޭ ދެ ޕާޓީގެ ހުރިހާ މެންބަރުން ވެސް ފުރުސަތުދޭން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވާފައެވެ.

ރައީސް އެގޮތަށް ނިންމެވީ ޕްރޮގްރެސިވް އިއްތިހާދުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހުގައި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

''ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު،ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް،ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފި.'' އަދުރޭ ވިދާޅުވެފަވެއެވެ.

ޕްރޮގްރެސިވް އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ބާއްވަން އެ އިއްތިހާދުން ނިންމާފަހު ވަނީ މި ހިނގާ ޖެނުއަރީ 27 ގައެވެ.

މި އަހަރު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހެވެ.