އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން އާސެނަލުން ކާމިޔާބު ކޮށްފިއެވެ
ރޭ މެޗަށް އާސެނަލް ނުކުތްއިރު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެ އެ ޓީމް އޮތީ ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ. އެ ޓީމް ބަލިވެފައި ވަނީ ވެސްޓްހޭމްއާއި ފުލަމްގެ އިތުރުން ލިވަޕޫލް އަތުންނެވެ. ނަމަވެސް ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗު އެ ޓީމުން މިވަނީ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް އިތުބާރު ހޯދާފައެވެ.
އަމިއްލަ ދަނޑުގައި ރޭ އާސެނަލުން ވަނީ ޕެލަސް ކޮޅަށް ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން މަގާޅެސް ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑަކީ 37 ވަނަ މިނެޓުގައި އާސެނަލުން ނެގި ކޯނަރެއް ދިފާއުކުރަން މަސައްކަތް ކުރުމުގެ ތެރޭ ޕެލަސްގެ ކީޕަރު ޑީން ހެންޑަސަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
އެ ޓީމްގެ ތިންވަނަ ލަނޑު 59 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސްއާއި ޓްރޮސާޑް ގުޅިގެން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބު ކޮށްދިނީ ޓްރޮސާޑްއެވެ. މެޗުގައި އާސެނަލުގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ މާޓިނެލީއެވެ.
މި މޮޅާއިއެކު އާސެނަލުން ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނާގައި އޮތް ލިވަޕޫލަށް 20 މެޗުން ވަނީ 45 ޕޮއިންޓް ލިބިފައެވެ. މިވަގުތު ދެ ޕޮއިންޓްގެ ފަރަގެއް އޮތްނަމަވެސް މިރޭ ލިވަޕޫލާއި ބޯންމައުތު ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ފަރަގު ބޮޑުކުރުމުގެ ފުރުޞަތު ލިވަޕޫލަށް އެބައޮތެވެ.
ރޭ ބްރެންޓްފޯޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު، ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބްރެންޓްފޯޑުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!