ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް އޮތް ރަމަޟާން މަހު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތު ކުރާ އިރު، އެ ތަން ކުރިއަށް ވުރެ ފުރިހަމަ ކުރައްވާނެ ކަމަށެވެ. އަދި ރޯދައަށް އާންމުކޮށް ހުޅުވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ހިންގާ ހާއްސަ ޕްރޮޖެކްޓެކެވެ.
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރަން ބިނާ ކުރި ތަނެކެވެ. އެ ތަން މިދިޔަ ވެރިކަމުގެ ތެރޭގައި ވަރަށް ބޮޑަށް ހަލާކުވެ، ބޭނުން ނުކުރެވޭ ހާލަތަކަށް ވެސް ދިޔައެވެ.
އެކަމަކު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން އެ ފެން އަރުވާ ވަޑާން މަރާމާތުކޮށް އަލުން ބޭނުން ކުރެވޭ ގޮތް ހެދިއެވެ. އަދި ޖުމްހޫރީ މައިދާނުގައި ވިނަ އިންދައި އެ ސަރަހައްދަށް ރީތިކަން ގެނެސް ދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!