މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށާއި، މާލެ ސިޓީގެ ތިން ދާއިރާ އަކަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ބޭފުޅުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

އެކަން ހާމަކުރައްވައި، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ އެ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ މާލޭގެ ދަރުބާރުގޭގައި ކަމަށެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާގޮތައް ހަމަޖެހިފައިވާއިރު، ލޯކަލް ގަވާމަންޓް އޮތިރިޓީ (އެލްޖީއޭ)ގެ އިރުޝާދާ އެކު މިރަސްމިއްޔާތާ ގުޅޭ ހުރިހާ އިންތިޒާމެއް ހަމަޖައްސަމުންދާނީ މާލެ ސިޓީ ކައުންސިލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުވާ ކުރުމުގެ ޖަލްސާއާ ގުޅޭ ރަސްމީ ލިޔުންތައް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފޮނުވިހާ އަވަހަކަށް އެ ޖަލްސާގެ ރަސްމީ މަސައްކަތް ފެށޭނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު އޮތް ބައި-އިލެކްޝަންގައި މާލޭގެ މޭޔަރުކަން ކާމިޔާބުކުރެއްވީ އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރެއްވި އާދަމް އާޒިމް އެވެ. އެ އިންތިޚާބުގައި މެދުހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެސް އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށްވާ އަހުމަދު ރިޝްވާނެވެ.

އަނެއް ދެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ކާމިޔާބުކުރިއިރު، މިގޮތުން ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އައިމިނަތު ރިޝްފާ އަހުމަދެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ.