ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިޔަ ފަސް އާއިލާއެއްގައި ހިމެނޭ 21 ދިވެއްސަކު ރޭ ފަތިހު މާލެ ގެނެސްފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި މީހުންގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނަކު ކަމަށެވެ. އެ މީހުން ރާއްޖެ ގެނައުމަށް ފަހު ހިންމަފުށީގައި ހަދާފައިވާ ރިހިބިލިޓޭޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ތަނުގައި އެކިއެކި ޕްރޮގްރާމްތައް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

"ހަނގުރާމަވެރި ސަރަހައްދުތަކުން ގެންނަ ދިވެހިންނަކީ ކުޑަކުދިން. މައުސޫމް ތުއްތު ކުދިން. މިފަހަރު ގެނެވުނު ކުދިންގެ ތެރޭގައި ތިން އަހަރުގެ ކުއްޖަކު ހިމެނޭ. އެހެންވީމަ ވަރަށް ޅަ އުމުރުގައި ވަރަށް އެހެން ކަހަލަ ތަނަކަށް އެކްސްޕޯސްވެފައި ތިބި ކުދިންތަކެއް މިއީ." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ދިވެހިން ކަމަށް ބެލެވޭ 100 އަށް ވުރެ ގިނަ މީހުން ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިބި ކަމުގެ މައުލޫމާތު މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އަދި 90 އަށް ވުރެ ގިނަ މީހުންނަކީ އެކި ގޮތް ގޮތުން ވާހަކަ ދެކެވި އަނބުރާ ރާއްޖެ އައުމަށް ބޭނުންވެފައި ތިބި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން ރާއްޖެ ގެނައި 21 މީހުންނަކީ 2022 ވަނަ އަހަރު ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރުގައި ހާލުގައި ޖެހިފައި ތިބި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ދިވެހިންކަން ކަށަވަރުވި ހިސާބުން އެ ހުރިހާ އެންމެން ރާއްޖެ ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މި މީހުން ރާއްޖެ ގެނައުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވުނު ކަމުގައި އިހުސާން ވިދާޅުވިއެވެ. އެގޮތުން މިކަމަށް ބޭނުންވާ ފަންޑު ހޯދައި ހާއްސަ ފްލައިޓެއް 15 މީހުންގެ ޓީމަކާ އެކުގައި މިދިޔަ އާދިއްތަ ދުވަހު ތުރުކީ އަށް ފޮނުވާލި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ދަތުރުގައި މެޑިކަލް ޕްރޮފެޝަނުންނާއި ސެކިއުރިޓީ ބަލަހައްޓާ ބޭފުޅުންނާއި ސައިކޮލޮޖިކަލް ސަޕޯޓު ދެވޭ ބޭފުޅުންނާއި ދިވެހި ފުލުހުންގެ އިންޓަލިޖެންސްގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި އަދި ތަހުގީގުގައި މަސައްކަތް ކުރާ ބޭފުޅުން ހިމެނޭ." އިހުސާން ވިދާޅުވިއެވެ.