ފީފާގެ ބެސްޓް އެވޯޑްސް އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އާޖެންޓީނާގެ ކެޕްޓަން ލައޮނަލް މެސީއަށް ލިބިއްޖެއެވެ.
މި އެވޯޑް މިހާރު ދެމުންދާ ގޮތަށް ފޯމެޓް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން މެސީ މިވަނީ މި އެވޯޑް ތިން ފަހަރު ހޯދާފައެވެ. ކުރިން މެސީ ވަނީ މި އެވޯޑް 2019 ވަނަ އަހަރާއި 2022 ވަނަ އަހަރު ހޯދާފައެވެ.
ރޭ އެވޯޑް ފަހްލާއަށް މެސީ ހާޒިރުވެފައި ނުވެއެވެ. މެސީއާއި އެންމެ ގާތުން މި އެވޯޑަށް ވާދަކުރީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ހާލަންޑާއި ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އެމްބާޕޭއެވެ.
އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ ނޮމިނޭޝަން ކަނޑައަޅާފައިވަނީ، 19 ޑިސެމްބަރު 2022 އިން ފެށިގެން، 20 އޮގަސްޓް 2023 އަށެވެ.
މި މުއްދަތުގެ ތެރޭ މެސީ ވަނީ ޕީއެސްޖީއާއިއެކު ފްރާންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން އާޖެންޓީނާއާއިއެކު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި އެމެރިކާ ލީގުގެ އިންޓަ މިއާމީއާއިއެކު އޭނާ ވަނީ ލީގްސް ކަޕް ކާމިޔާބު ކޮށްފައެވެ.
މި މުއްދަތުގެ ތެރޭ ހާލަންޑް ވަނީ ސީޓީއާއިއެކު ތިން ތައްޓެއް ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރިމިއާ ލީގުގެ ޗެމްޕިއަން ކަމާއި، އެފްއޭ ކަޕްގެ ޗެމްޕިއަން ކަމުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ކަމެވެ. މި ހުރިހާ މުބާރާތެއްގައި ވެސް ހާލަންޑް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އޭނާ ވަނީ މި މުބާރާތްތަކުގައި ސިޓީއަށް ޖުމްލަ 52 ލަނޑު ޖަހައިދީފައެވެ.
ވޯލްޑް ކަޕް ފައިނަލުން ބަލިވި ނަމަވެސް އެމްބާޕޭ ވަނީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާގެ ވަނީ ޕީއެސްޖީއާއިއެކު ފްރާންސް ލީގު ކާމިޔާބު ކޮށްފައެވެ.
އެންމެ މޮޅު ކޯޗުގެ މަގާމް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް ހޯދިއިރު މޮޅު ކީޕަރަކީ ސިޓީގެ އެޑަސަން އެވެ. ފީފާގެ ޑްރީމް ޓީމުގައި ސިޓީގެ ހަ ކުޅުންތެރިން ހިމެނެ އެވެ. އެއީ، ޖޯން ސްޓޯންސް، ކައިލް ވޯކާ، ރުބެން ޑިއާޒް، ކެވިން ޑި ބްރޭނާ، ބެނާޑޯ ސިލްވާ އަދި ހާލަންޑް އެވެ. ދެން ހިމެނެނީ، ރެއާލް މެޑްރިޑްގެ ކޯޓުއާ، ޖޫޑް ބެލިންހަމް، ވިނީޝިއުސް ޖޫނިއާގެ އިތުރުން ޕީއެސްޖީގެ އެމްބާޕޭ އަދި މެސީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!