ޔަމަންގައި ހޫތީ ހަނގުރާމަވެރިންގެ ބާރު އޮންނަ ސަރަހައްދަކުން ރަތް ކަނޑުގައި އޮތް އެމެރިކާގެ އަސްކަރީ މަނަވަރަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލައިފިއެވެ. ނަމަވެސް އެމެރިކާ އިން ބުނަނީ އެ ގައުމުގެ މަނަވަރަކަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާ ވައްޓާލާފައިވާ ކަމަށެވެ.

މިއީ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން އިސްރާއީލަށް ވާގިވެރިވާ އުޅަނދުތަކަށް ހަމަލާދޭން ފެށި ފަހުން އެމެރިކާގެ މަނަވަރަކަށް އަމާޒުކުރި ފުރަތަމަ ހަމަލާއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މި ހަމަލާ ފޮނުވާލާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

Ad
rt

ހޫތީން ހަމަލާދޭން އުޅުނީ ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ ޔޫއެސްއެސް ލަބޫން (ޑީޑީޖީ 58) އަށެވެ. މި ސައިލް ވައްޓާލާފައި ވަނީ ޔަމަންގެ ހުދައިދާ އައްސޭރިފަށާ ކައިރިން އެމެރިކާގެ އަސްކަރީ ޖެޓްތަކުން ދިން ހަމަލާއެއްގައި އެމެރިކާގެ ފައިޓާ ޖެޓަކުން ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.

ހޫތީން މަނަވަރަކަށް އަމާޒުކޮށް ހަމަލާއެއް ދީފައި މިވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތް ގުޅިގެން ޔަމަނަށް ބޮން އަޅަމުންދާ ދަނޑިވަޅެއްގައެވެ. މަނަވަރުތައް ބޭނުންކޮށްގެންދޭ މި ހަމަލާތަކުގައި ހޫތީންގެ ރާޑަރު ސިސްޓަމްތަކާއި މިސައިލް ހަމަލާ ދިނުމުގެ ވަސީލަތްތަކަށް ގެއްލުން ދީފައިވާ ކަމަށް އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ބުނެފައެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުން ޔަމަނަށް ވައިގެ މަގުން ދޭން ފެށި ހަމަލާތަކަށް ރައްދު ނުދީ ނުތިބޭނެ ކަމަށް ޔަމަން ކޮންޓްރޯލް ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިންގެ ލީޑަރެއް ކަމުގައިވާ އަބްދުލް މާލިކް އަލް-ހޫތީ ވަނީ ވިދާޅުވެފައެވެ.

މެރިކާ އާއި އިނގިރޭސިވިލާތުން ހޫތީ ހަނގުރާމަވެރިންނާ މެދުގައި ހިތްހަމަނުޖެހުނީ ރަތް ކަނޑުގެ ކޮންޓްރޯލް ނަގައި އެ ކަނޑުން ދަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން އިސްރާއީލަށް ވާގިވެރިވާ އުޅަނދުތަކަށް ހަމަލާދީ ހައިޖެކް ކުރުމުގެ އަމަލުތައް ހިންގަމުންދާތީއެވެ. ހޫތީ ހަނގުރާމަވެރިން ބުނެފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދޭހާ ހިނދަކު، އިސްރާއީލަށް ވާގިވެރިވާ ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމަށެވެ.