ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުން އަވަސް ކުރަން ރާއްޖެ އާއި އިންޑިއާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފިއެވެ.

މިދިޔަ މަހުގެ ކުރީކޮޅު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓްގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބައްދަލު ކުރައްވައި ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ މެދުގައި ކޯ-ގްރޫޕެއް އުފެއްދެވުމަށް ނިންމަވައިފައެވެ. "ހައި ލެވެލް ކޮމިޓީ" އެއް އުފައްދައި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ރާއްޖޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމަށް އިންޑިއާ އިން ވެސް ބައެއް ބޭފުޅުން ވަޑައިގެންނެވިއެވެ.

Ad
rt

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހައި ލެވެލް ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް އޭގައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.

އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފައެވެ. އެމަނިކުފާނު އެގޮތަށް ހުށަހެޅުއްވީ ހައި ލެވެލް ކޮމިޓީގެ ބައްދަލުވުމުގައެވެ.

އިއްޔެގެ ބައްދަލުވުމުގައި ދިވެހި ސަރުކާރު ތަމްސީލު ކުރެއްވީ އެމްބެސެޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ހާލާ ހަމީދު އަދި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބެވެ. މި ބައްދަލުވުމަށް އިންޑިއާގެ ތަމްސީލް ކުރައްވާ ކޮމިޓީގެ ބޭފުޅުންތަކެއް އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އޭގެ އިތުރުން މި ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއި އިންޑިއާ ހައި ކޮމިޝަންގެ އިސް ބޭފުޅުންނެވެ.

ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. މި ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންޑިއާގެ 88 ސިފައިން އެބަތިބިއެވެ.