"ޗައިނާ ވަން" ސިޔާސަތުގައި ދެމިތިބޭނެ ކަމަށާއި ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ.
ޓައިވާނުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބު ޗައިނާއާ ދެކޮޅު ކެންޑިޑޭޓް ލައި ޗިންގް ޓޭ ވަނީ ކާމިޔާބުކޮށްފައެވެ. ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރި އިރު އޭނާއަކީ މިހާރުވެސް ޓައިވާނުގެ ނައިބު ރައީސްއެވެ. ޓައިވާނުން ވެރިއަކު އިންތިހާބު ކުރިއިރު، ޗައިނާ އިން އެކަމެއް ގަބޫލެއް ނުކުރެއެވެ. ޗައިނާ އިން ގަބޫލު ކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. ޓައިވާނަކީ ވަކި ގައުމެއްގެ ގޮތުގައި ދުނިޔޭގެ ބައެއް ގައުމުތަކުން ވެސް ބަލައިނުގަނެއެވެ.
ޓައިވާންގައި ބޭއްވި އާންމު އިންތިހާބާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "ދުނިޔޭގައި އޮތީ އެންމެ ޗައިނާއެއް" ކަމަށާއި، ޗައިނާ ސަރުކާރަކީ މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރު ކަމަށެވެ. ޓައިވާނަކީ ޗައިނާގެ ސަރަޙައްދުން ވަކިނުކުރެވޭނެ ބައެއް ކަމަށް އެ ބަޔާނުގައިވެއެވެ.
ޗައިނާގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަށް އުނިކަން އަންނަ ފަދަ އެއްވެސް ވާހަކައެއް ނުވަތަ އަމަލަކާ ރާއްޖެއިން ދެކޮޅު ހަދާނެ ކަމަށާއި ޓައިވާންގެ މިނިވަންކަންކަމާއި، ވަކިވެގަތުމުގެ ހުރިހާ ހަރަކާތަކާ ރާއްޖެ ވެސް ދެކޮޅު ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޓައިވާނާ އެކު އެއްވެސް ބާވަތެއްގެ ރަސްމީ ގުޅުމެއް ނުބާއްވާނެ ކަމަށެވެ. އަދި އެއްވެސް ސަބަބަކާހުރެ ޗައިނާގެ ދާހިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވުމާ ރާއްޖެއިން ދެކޮޅު ކަމަށާއި ގައުމީ އެއްބައިވަންތަކަން ހާސިލްކުރުމަށް ޗައިނާއިން ކުރާ ހުރިހާ މަސައްކަތަކަށް ރާއްޖެއިން ތާއީދުކުރާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!