މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ނުކުރެވުނީ މަސައްކަތް ނުކުރެވިގެން ކަމަށާއި ހިދުމަތް ނުކޮށްދެވިގެން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް ސަރުކާރު ލިބި، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގައި އުޅެން ޖެހުމުން އިންތިހާބަށް ދޭންވާ ސަމާލުކަން ނުދެވުނު ކަމަށެވެ. އިއްޔެގެ އިންތިހާބަކީ ލިބުނު ފިލާވަޅެއްކަމުގައި ބަލައިގެން، ކުރިޔަށްހުރި އިންތިހާބުތަކުގެ ނަތީޖާ ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މި އިންތިހާބުގެ ނަތީޖާ އިން ލިބުނު ފިލާވަޅުގެ ބޭނުން ހިފައިގެން ކުރިއަށް އޮތް ތަނުގައި އިންތިހާބުތައް ކާމިޔާބު ކުރުމުގެ މަސައްކަތް މިއަށް ވުރެ ވަރުގަދަ އަށް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެން މެމްބަރުންނަށް އަރުވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް ނުފެންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޕާޓީގެ ލީޑަޝިޕުން މަސައްކަތް ކުރާނީ ރައްޔިތުންނާ ވީހާވެސް ކައިރިން ކަމަށް އޭނާ ވިދާޅުވިއެވެ.
"މައިގަނޑު ސަބަބަކީ މަސައްކަތް ކުރަންވާ ވަރަށް މަސައްކަތް ނުކުރެވެމުގެ ނަތީޖާ، ސަރުކާރުގެ ސިޔާސަތައް އިތުބާރު ނެތީއެއް ނޫން، ރައީސަށް އިތުބާރު ނެތުނީއެއް ނޫން. ރައީސް ހިދުމަތެއް ނުކޮށްދެއްވައިގެނެއް ނޫން. މި ދެންނެވީ މައިގަނޑު ސަބަބަކީ." އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑު މި ފުރުސަތުގައި ދަންނަވަން އިންތިހާބުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމާ އެކީގައި އަދި މި ދެންނެވި ސަބަބުތަކާ ހުރެ އަޅުގަނޑުމެންގެ އާންމު މެމްބަރުންނާ އެކީގައި ބާއްވަން ޖެހޭ ގާތް ގުޅުން މިދިޔަ ދުވަސްތަކުގައި ބޭއްވިފައި ނެތް ކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެން،"
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ވަނީ 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންފައި ވަނީ 5،031 ވޯޓެވެ. ތިން ވަނަ އަށް ދިޔަ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފަށް 2،343 ވޯޓު ލިބިވަޑައިގަތެވެ. އަމިއްލަ ގޮތުން ވާދަކޮށްގެން ހަތަރު ވަނަ އަށް ދިޔަ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަށް 1،888 ވޯޓު ލިބިވަޑައިގަތެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން ފަސް ވަނަ އަށް ދިޔަ ޝުއައިބު އަލީ އަށް 125 ވޯޓު ލިބިވަޑައިގެންނެވިއެވެ.
މި ބައި އިލެކްޝަންގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިދިން ނަމަވެސް ވޯޓުލާފައި ވަނީ 17،008 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!