މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރެއްވި އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.

އާޒިމް، މާލޭ މޭޔަރު ގޮނޑި ކާމިޔާބުކުރައްވާފައިވާކަން މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތީޖާއިން ދައްކައެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 55 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިހާތަނަށް ގުނި 41 ފޮށިން އާޒިމް ވަނީ 5,303 ވޯޓު ހޯއްދަވައިފައެވެ.

Ad
rt

އާޒިމް އާއި އެންމެ ގާތުން ވާދަކުރެއްވީ ސަރުކާރު ހިންގާ ފަރާތުން ވާދަކުރެއްވި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އެ ފޮށިތަކުން އާޒިމާ އަށް ލިބިވަޑައިގަންނަވަނީ 3،301 ވޯޓެވެ.

މި ބައި-އިލެކްޝަންގައި މިހާތަނަށް ގުނުނު 41 ފޮށިން ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ދަ ޑިމޮކްރެޓްސްގެ މުހައްމަދު ސައިފް ފާތިހު އެވެ. އޭނާ 1634 ވޯޓު ހޯއްދަވާފައިވާއިރު، ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމްގެ ތާއީދާއެކު ވާދަކުރެއްވި މިނިވަން ކެންޑިޑޭޓް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދަށް 1236 ވޯޓު ލިބިވަޑައިގަތެވެ. އަދި މިނިވަން ކެންޑިޑޭޓު ޝުއައިބު ޢަލީ އަށް ލިބިވަޑައިގަތީ 91 ވޯޓެވެ.

މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވި އާޒިމް ވަނީ އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އިން ފައިނޭންސިން އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗްލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފައެވެ.

ވޭތުވެދިޔަ ވިހިވަރަކަށް އަހަރުގެ ތެރޭގައި އާޒިމް ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުނިތަކުގެ އިސް މަގާމުތަކެއްގައި ގައުމަށް ހިދުމަތްކުރައްވާފައެވެ. އެގޮތުން އެމްޓީސީސީގެ އިތުރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަން ވަނީ އަދާކުރައްވާފައެވެ.

ނިމުނު ސަރުކާރުގައި އެންމެ މުހިންމު މަޝްރޫޢުތައް ހިންގައި، ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެންމެ ގިނަ މަސައްކަތްތަކެއް ފުރިހަމަކޮށްފައި ވަނީ އާދަމްގެ މާލިމީ ކަމުގެ ދަށުގައި ހިންގި އެމްޓީސީސީންނެވެ. މި ދިޔަ ސަރުކާރުގައި އާޒިމް އިސްވެ ހުންނަވައި ރަށްތަކުގެ ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، މަގު ހެދުމާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، އެއާޕޯޓް އެޅުމާއި، ހޮސްޕިޓާތައް ތަރައްގީ ކުރުމަށް އިމާރާތްތައް އެޅުންފަދަ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ފެށި އާރުޓީއެލް ފެރީގެ ޚިދުމަތާއި، މާލެ ސަރަހައްދާއި ބައެއް ބޮޑެތި ރަށްތަކަށް ތަޢާރަފްކުރި އާރުޓީއެލް ބަހުގެ ޚިދުމަތްފަދަ ރައްޔިތުންނަށް ފަސޭހަކަން ގެނެސްދިން ގިނަ ކަންތައްތަކުގެ މައި ''ސިކުނޑި'' އަކީ އާޒިމް އެވެ.