އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަަދު ބާއްވާ ބައި-އިލެކްޝަންތަކުގައި މިހާތަނަށް ވޯޓުލާން ނުކުންނަ ނިސްބަތް ނިސްބަތުން ދަށްއިރު، މެންދުރު 13:00 އާއި ހަމައަށް ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންކުރެ 14.08 އިންސައްތަ މީހުންނެވެ.
މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ. މީގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެންބަރަކު ހޮވުން ވެސް ހަމަ އެގަޑީގައި ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.
އީސީން ބުނެފައިވާގޮތުގައި މި ބައި-އިލެކްޝަންތަކުގައި މެންދު 13:00 އާއި ހަމައަށް ވޯޓުލާފައި ވަނީ 14.08 އިންސައްތަ މީހުންނެވެ. އެއީ 7883 ވޯޓެވެ.
މި ބައި-އިލެކްޝަން ތަކުގައި ވޯޓުލުމުގެ ހައްގު 56،0026 މީހުންނަށް ލިބިފައި ވެއެވެ.
މި ބައި-އިލެކްޝަންތަކުގައި ކުރިން 16:00 އާއި ހަމައަށް ވޯޓުލާ ނިންމަން އޮތް ނަމަވެސް އިއްޔެ މާލެއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ވޯޓުފޮށި ބަންދުކުރާ ވަގުތު 17:00 އަށް އިތުރުކުރަން އީސީން ވަނީ ނިންމާފައެވެ.
އިންތިޚާބާއިގުޅޭ ޝަކުވާއެއް އޮތްނަމަ ގުޅަންޖެހެނީ އީސީ އެ ކޮމިޝަންގެ ހޮޓްލައިން 1414 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!