ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ހޮފެންހެއިމް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
މި މޮޅާއިއެކު ބަޔާނުން މިވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބަޔާން ލެވަކޫސެންއާއި އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. ލެވަކޫސެން އެއްވަނާގައި އޮތީ 16 މެޗުން ލިބުނު 42 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ބަޔާން އޮތީ 16 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ބަޔާން އަތުން ރޭ ބަލިވި ހޮފެންހެއިމް މިވަގުތު އޮތީ ތާވަލުގެ 7 ވަނާގައެވެ. އެ ޓީމަށް 17 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.
ބަޔާންގެ މެދުތެރެއަށް ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރ ޖަމާލް މުސިއާލާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އޭނާ މެޗުގައި ދެ ލަނޑު ޖެހިއިރު ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ޖެހީ ސާނޭގެ އެހީތެރިކަމާއި އެކުގައެވެ. ބަޔާންގެ ދެވަނަ ލަނޑު 70 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް މުސިއާލާއެވެ.
މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ހޮފެންހެއިމްގެ މެކްސިމިލިއަން ބެއަރއަށް ވަނީ ލިބިފައެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. މެޗުގެ 74 ވަނަ މިނެޓުގައި ހޮފެންހެއިމްގެ ޕްރޮމެލްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ. މެޗުގެ ފަހުބައި އެ ޓީމުން ފުރިހަމަ ކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ގޮޓްޒަކާ ތަނަވަސް ކޮށްދިން ފުރުސަތެއްހައި ޖަހައިދިނީ ހެރީ ކޭންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!