ވިއްސާރާގައި ގެއްލުންވި ސްޓެލްކޯ މުވައްޒަފެއްގެ ގެއަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެން ފަހުމީ ޒިޔާރަތް ކުރައްވައި އެ ގެއަށް ލިބުނު ގެއްލުންތައް ބައްލަވާލައްވައި މުވައްޒަފުގެ ޢާއިލާގެ ހާލު އޮޅުން ފިލުއްވައިފިއެވެ.
ސްޓެލްކޯ އިން މިރޭ ބުނީ، މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެނުގެ ސަބަބުން ގެއްލުން ލިބުނު އެ ކުންފުނީގެ މުވައްޒަފެއްގެ ގެއަށް އެމްޑީ ފަހުމީ ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. މި ޒިޔާރަތުގައި އެމްޑީއާއެކު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ނާޒިރު ވެސް ބައިވެރިވިކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި ގުޅިގެން، އެ ކުންފުނީގެ ހެޑް އޮފީސް ހުންނަ ސަރަހައްދުގެ ބައެއް ގެތަކާއި، ފިހާރަތަކުގެ އިތުރުން، މިސްކިތްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި، ސްޓެލްކޯގެ މުވައްޒަފުން ވަނީ ވެލިބަސްތާ ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
''ޕަމްޕު ތަކުގެ އެހީއާއެކު، މިކުންފުނީގެ އިންޖީނުގެތަކުގެ ޑީ-ވޯޓަރިންގ ނިޒާމް ބޭނުންކޮށްގެން، އަމީނީ މަގާއި، އެ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން.'' ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެނުގެ ސަބަބުން ގެއްލުން ލިބުނު މި ކުންފުނީގެ މުވައްޒަފެއްގެ ގެއަށް މެނޭޖިންގ ޑިރެކްޓަރ @u09HussainFahmy އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ @AbdullaNazir ވަނީ ޒިޔާރަތްކޮށް އެގޭގެ ހާލަތު ބައްލަވާލައްވާފައި. pic.twitter.com/UXxtd7rnlQ
— STELCO (@STELCOMALDIVES) January 12, 2024
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިހާތަނަށް މާލޭގެ އިތުރުން ހަތަރު ރަށެއްގައި ފެންބޮޑުވެ، 144 ގެއަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ މިރޭ ވަނީ ބުނެފައެވެ. މި ވިއްސާރައިގެ އަދާހަމަ ހާމަކުރަމުން އެންޑީއެމްއޭ އިން ބުނީ، މިރެއާއި ހަމައަށް މާލޭގެ އިތުރުން ފެންބޮޑުވެގެން ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ، ދ ކުޑަހުވަދޫ އިން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
މީގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މާލޭގެ ގޭގެއަށް ކަމަށާއި، މިރޭ 7:30 އާއި ހަމައަށް މާލޭގެ 144 ގެއަކުން ގުޅައި އެހީތެރިކަމަށް އެދިފައިވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި 132 ގެއަކަށް ވަނީ އެވަގުތާއި ހަމައަށް އެހީތެރިަކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.
މާލޭގެ 91 ގެއެއްގައި ވެލިބަސްތާ ޖައްސާފައިވާއިރު، 8 ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސައިދީފައިވާނެ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!