ސްޕެނިޝް ސުޕަކަޕް ފައިނަލުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރަން ޖެހިއްޖެއެވެ.

މި އަހަރުގެ ސްޕެނިޝް ސްޕަކަޕް މެޗުތައް ކުޅެނީ ސައުދި އެރެބިއާގެ ރިޔާދްގައެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބުދަ ދުވަހުގެ ރޭ ބައްދަލުކުރި މެޗު އިތުރު ވަގުތުގެ ދެހާފް ކުޅެގެން 5-3 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ ރެއާލެ މެޑްރިޑެވެ.

Ad
rt

ރޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބާސެލޯނާއާއި އޮސަސޫނާ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދީ ބާސާއެވެ.

މުޅި މެޗުގައި ވެސް ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ބާސާއަށް މެޗުގެ ފުރަތަމަ ލަނޑު 59 ވަނަ މިނެޓުގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ގުންޑޮގާން ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މެޗުގެ ދެވަނަ ލަނޑު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ލެމީން ޔަމާލްއެވެ.

ރެއާލް މެޑްރިޑާއި ބާސާ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގައެވެ.

މި އަހަރު ސްޕަ ކަޕްގައި ވާދަކޮށްފައި ވަނީ އެންމެ ފަހުގެ ލީގު ޗެމްޕިއަންކަން ހޯދި ބާސެލޯނާއާއި ދެވަނަ ހޯދި ރެއާލްގެ އިތުރުން ތިންވަނަ ހޯދި އެތުލެޓިކޯއެވެ. އޮސަސޫނާއަކީ މިދިޔަ ސީޒަންގެ ކޮޕަ ޑެލް ރޭ ގެ ރަނަރަޕް ޓީމެވެ. ސްޕެނިޝް ސްޕަ ކަޕް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ބާސާއެވެ. އެއީ 14 ފަހަރުއެވެ.