މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވީ ޚިދުމަތުގެ ރޮނގުން 30 އަހަރުގެ ތަޖުރިބާއާއެކުގައި ކަމަށާއި، އެ ތަޖުރިބާގެ އަލީގައި މާލެއަށް ދިމާވެފައިވައިވާ މައްސަލަތައް ހައްލު ކުރެވޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިހެން ވިދާޅުވީ، އެ ބައި-އިލެކްޝަންސްގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭން ނިންމުމަށް މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

"ފެހި ތަނަވަސް މާލެ" ނަމުގައި ކުރިއަށް ގެންދިޔަ މިކެމްޕޭން ނިންމުމަށް ބޭއްވި ޖަލްސާގައި އާޒިމް ދެއްކެވި ވާހަކާގައި ވިދާޅުވީ، ސިޓީ ކައުންސިލުގެ މޭޔަރަކަށް އިންތިޚާބުވެއްޖެނަމަ ސިޓީ ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، ސިޓީ ކައުންސިލް ހިންގަވާނީ ވަރަށް ޓްރާންސްޕޭރެންޓްކޮށް ކަމަށެވެ.

އާޒިމް ވިދާޅުވީ މި އިންތިޚާބަށަ އެމްޑީޕީން ނިކުތީ މާލޭގެ ތޮއްޖެހުން ރަނގަޅުކޮށް، މާލެ ތަރައްގީ ކުރުމަށް ކަމަށެވެ. އަދި މާލޭގެ ޚިދުމަތްތައް ރަނގަޅުކޮށް، ޓްރެފިކް، ޓްރާސްޕޯޓު ރަނގަޅު ކުރާނެ ކަމަށާއި، ކުށް މަދުކޮށް، މާލެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިިދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ތަރައްގީ ކުރުމަށް ޕްލޭންތައް އެކުލަވާލާފައިވާކަމަށާއި، އެމްޑީޕީއަކީ ހަމަހުރެފައި ކަންތައް ކުރާ ޕާޓީއެއް ނޫންކަމަށާއި، އެއީ ޕްލޭންކޮށް ރާވާގެން ހިންގާ ޕާޓީއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

‘’އަޅުގަނޑުމެން މިއަދު މިވަނީ ތަރުތީބުވެފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިއަންނަނީ މާލެސިޓީ ކައުންސިލް ހިންގުމަށް ހަރުދަނާ ކުރުމަށް.’’ އާޒިމް ވިދާޅުވިއެވެ.

އޭނާ އާއި އޭނާގެ ޓީމް ސިޓީ ކައުންސިލަށް އަންނަނީ މާލޭގެ ބިން އެންމެ ރަނގަޅަށް ބޭނުންކުރުމަށާއި، އަދި ޓްރާންސްޕޭރަންޓު ކޮށް މައުލޫމާތު ހާމަކުރުމަށް އާޒިމް ވިދާޅުވިއެވެ.

’’މަލްޓިޕަރޕަސް ޕާކިން ބިލްޑިންތައް ހަދައިދިނުމަށް، ނޭގޯޓިވް ޕާކިން ތައާރަފް ކުރުމަށް، އިންކްލޫސިވް އެކްސިސިބަލް ޕާކުތައް އަދި ބްރިޖުތައް ތަރައްގީ ކޮށްދިނުމަށް. ލޮނުޒިޔާރަތް ކޮޅުން އުދައެރުމުން ހުއްޓުވުމަށް. ގްރޭޓާ މާލެ އޭރިޔާގެ މަގުތައް މަރާމާތުކުރުމަށް. މަސްމާރުކޭޓު ސަރަހައްދަކީ ހިތް ފަސޭހަތަނަކަށް ހަދައިދިނުމަށް. ކާނިވާ ސަރަހައްދުގައި ދާއިމީ ކާނިވަލެއް ތަރައްގީ ކުރުމަށް، ޝޮޕިން މޯލްތައް ގާއިމްކޮށްދިނުމަށް. ޓައުން ހޯލް ބައްދަލުވުންތައް ބާއްވައިދިނުމަށް.’’ އާޒިމް ވިދާޅުވެފަވެއެވެ.