ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު 30 ޖެނުއަރީން 14 ފެބްރުއަރީ އަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވަނީ 20 ވަނަ މަޖިލީހަށް ކުރިމަތިލުމުގެ މުއްދަތު ޢިއުލާން ކުރައްވާފައެވެ.
''ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ތާވަލް ކޮށްފައިވަނީ، 2024 ޖެނުއަރީ 30 ން ފެބުރުއަރީ 14 ގެ ނިޔަލަށް.'' ހަބީބު ލިޔުއްވާފަވެއެވެ.
މި އިންތިޚާބު ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ ރޯދަ މަހުގެ 7 ވަނަ ދުވަސްކަމަށްވާ، 17 މާރިޗް ގައެވެ.
މި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވަގުތީ ރަޖިސްޓަރީ އީސީން އިއްޔެ ޢާންމުކޮށް، ވަގުތީ ލިސްޓަށް ޝަކުވާއަށް ހުޅުވާލާފައިވާއިރު، މި އިންތިހާބުގައި 284،327 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވެ އެވެ. އެއީ، މި އިންތިހާބު އޮންނަ ދުވަސް ކަމަށްވާ މާޗް 17 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރިފައިވާ 139،165 އަންހެންނާއި 145،162 ފިރިހެނުންނެވެ.
މި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ވަގުތީ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައި ވަނީ ޖެނުއަރީ 21 ގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!