ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން، ކ. މާފުށީ ޖަލުގެ ޔުނިޓް 10 ގެ ވިންގ 03 ގެ ސެލް 05 (01 ޖަލުގޮޅި) އަކީ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އެކަން އަންގައި އެ ވުޒާރާއިން ކުރި ޢިއުލާނެއްގައި ބުނީ، އާންމު ޖަލެއްގެގޮތުގައި ބޭނުންކުރަމުންއަންނަ، މާފުށީ ޖަލުގެ ޔުނިޓް 10 ގެ ވިންގ 03 ގެ ސެލް 05 (01 ޖަލުގޮޅި) އަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ތަނެއް ކަމަށެވެ.

Ad
rt

އެހެންކަމުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން މާފުށީ ޖަލުގެ ޔުނިޓް 10 ގެ ވިންގ 03 ގެ 5 ވަނަ ގޮޅިއަކީ ރިމާންޑް ޖަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތައް ކަނޑައަޅާފައި ވަނީ މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެންނެވެ.

މި ތަން ހިނގަމުން ދާނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ހިންގާ ޖަލެއްގޮތުގައި ކަަމަށް ވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިއުލާންގައި ބުނެފަވެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު ވަނީ މާފުށީ ޖަލުގެ ޔުނިޓް 12 ގެ ވިންގ 1، އަދި ވިންގ 2 އަކީ އާންމު ޖަލެއްގޮތުގައި ކަނޑައަޅާފައެވެ.