ސައްހަ ނޫން ޔޫއެސް ޑޮލަރުގެ ނޫޓުތަކެއް ދައުރުވާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިހާރަކަށް އައިސް ސައްހަ ނޫން ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާކަމަށެވެ.
އެހެންކަމުން އެކަމަށް އާންމު ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއް ވެސް އެ އިދާރާއަށް ހުށަހެޅި، ތަހުގީގު ކުރަމުންނެވެ.
މިގޮތުން ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިކަމަށް ވެސް ފުލުހުން ބުނެއެވެ.
ސައްހަނޫން ޔޫއެސް ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ، މިހާރަށްވުރެ ބޮޑަށް ސަމާލުވެ، ޑޮލަރު މުއާމަލާތްކުރައްވާއިރު ޑޮލަރުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރެވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!