މަންތާ އެއާގެ ސީޕްލޭނެއް، މޫސުން ގޯސްވުމުގެ ސަބަބުން ލޭންޑް ނުކުރެވި ކުއްލިހާލަތުގައި ޖައްސައިފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މަންތާގެ މި ސީޕްލޭނަކީ 13 ފަސެންޖަރުންނާއި ތިން ކުރޫންނާއެކު ދަތުރުކުރި ސީޕްލޭނެކެވެ. މި ސީޕްލޭން ޖައްސަން އުޅުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.
ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މި ސީޕްލޭނަށް ވީއައިއޭ އަށް ޖެއްސޭގޮތް ނުވީއެވެ. އެހެންވެ މި ސީޕްލޭން ކުއްލި ހާލަތުގައި ކ. ހެލެގެލި ރިސޯޓަށް ކައިރިއަށް ކުއްލިހާލަތު (އިމަޖެންސީ)ގައި ޖެއްސީއެވެ.
ކުއްލިހާލަތުގައި ޖެއްސި މި ސީޕްލޭނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މަންޓާ އެެއަރ ސީޕްލޭނުގައި ނުފޭބިފައި ތިބި ފަތުރުވެރިންތަކަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
''މޫސުމް ގޯސްވުމުގެ ސަބަބުން އެ ސީޕްލޭންގައި ތިބި ފަތުރުވެރިންނަށް ހިކިފަސްތަނަކަށް ނުފޭބިގެން އެމްއެންޑީއެފް މެރިޓައިމް ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ގުޅައި، އެހީތެރިކަމަށް އެދުނެވެ. އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އެ ސީޕްލޭންގައި ތިބި މީހުން ޑިންގީއެއްގެ އެހީގައި ލޯންޗަކަށް ނަގައި، އެ ލޯންޗްގެ ކައިރީގައި އޮތް ޕަޓިނާ މޯލްޑިވްސް ރިސޯޓަށް މިރޭ 22:30 ހާއިރު ވަނީ ގެންދެވިފައި'' އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ދުވަސްވަރަކީ ކޮޅިގަނޑެއްގެ އަސަރު ރާއްޖެ ސަރަހައްދަށް ފޯރައި ބައެއް ހިސާބުތަކަށް ގަދަ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!