މީސްމީޑިއާގައި މިއަދު ދައުރު ކުރަމުން ދަނީ މިދިޔަ އަހަރު ބުރިޖު މަތީގައި ހިނގި ހާދިސާއެއްގެ ވީޑިއޯއެއް ކަމަށް ފުލުހުން ބުނެފިއެވެ.
''އެކްސް''ގައި ބައެއް ފަރާތްތަކުން މިއަދު ބުރިޖުމަތީގައި ހިނގި ހާދިސާއެއްކަމަށް ބުނެ ކާރެއްގައި ރޯވެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ދައުރު ކުރަމުންނެވެ.
އެ ވީޑިއޯއާއި ގުޅިގެން ފުލުހުން މިއަދު ބުނީ، 3 ޖޫން 2023 ގައި ބުރިޖުމަތީގައި ހިނގާފައިވާ އެކްސިޑެންޓެއްގެ ވީޑިއޯއެއް ދައުރުވަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރު ޖޫން 3 ވަނަ ދުވަހު ހިނގި މި ހާދިސާއާއި އަކީ ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެގެން ހިނގި ހާދިސާއެކެވެ.
އެމްއެންޑީއެފުން އެދުވަހު ބުނީ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގެ ރޯވެގެން އެ އިދާރާއަށް އެދުވަހު 16:09 ގައި ލިބުނު ރިޕޯޓަކާއިގުޅިގެން، އެ ކާރުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އެދުވަހު 16:20 ހާއިރު ނިއްވާލާފައިވާ ކަމަށެވެ.
މިހާދިސާގައި އެކާރުގެ ކުރީކޮޅަށް އެކިވަރުގެ ގެއްލުން ލިބުނެވެ. ރޯވި ކާރުގައި ޑްރައިވަރާއެކު 3 މީހުން ތިބިއިރު، އެއްވެސް މީހަކަށް އަނިޔާވެފައި ވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!