ރާއްޖެ އާއި ޗައިނާ އާ ދެމެދުގައި 20 މެމަރޮންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުރަމަނާ ދަތުރުފުޅެއްގައި ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ޗައިނާގެ ބެއިޖިންގައި އޮތީ ރަސްމީ ގޮތުން މަރުހަބާ ދެންނެވުމެވެ. މި ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޗައިނާ ސަރުކާރުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ސޯޝަލް ހައުސިން އާއި ގުޅޭ އެއްބަސްވުމަކާއި ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނަޝިޕާއި ކާބަން މަދުކުރުމާއި ބްލޫ އިކޮނޮމިކް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ.
މީގެއިތުރުން ކާރިސާއާ ގުޅޭ ގޮތުން ލިބޭ ގެއްލުން ކުޑަ ކުރުމާއި ގްރީން ޑިވެލޮޕްމަންޓް އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުމަކާއި ފަތުރުވެރިކަމާ ގުޅޭ އެއްބަސްވުމަކާއި ޑިޖިޓަލް ދާއިރާ ތަރައްގީ ކުރުމާއި މީޑިއާ ތަރައްގީ ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއިކުރިއެވެ.
މި އެއްބަސްވުންތަކުގެ މާ ބޮޑު ތަފްސީލެއް އަދި ދިވެހި ސަރުކާރާއި ޗައިނާއިން ހާމައެއް ނުކުރެއެވެ.
ޗައިނާ އިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ ޕީޕަލްސް ގްރޭޓް ހޯލްގައެވެ. ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވަން ބޭއްވެވި ރަސްމިއްޔާތުގައި ޗައިނާގެ ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ބައިވެރިވިއެވެ. އެ ކުޑަކުދިން ތިބީ ދިވެހި ދިދަ އާއި ޗައިނާގެ ދިދަ ހިފައިގެންނެވެ.
ޗައިނާ އިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުމާ އެކުގައި ދެ ގައުމުގެ ދެމެދުގައި ވަނީ ރަސްމީ މަޝްވަރާތައް ބާއްވައިފައެވެ. ޗައިނާގެ ރައީސްގެ ޝަރަފްގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ ވަފްދަށް ދެއްވާ ހާއްސަ ޖާފަތެއް މިރޭ ބެއިޖިންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!