އަންނަ މަޖިލީހުގެ އިންތިޚާބު މިއަހަރުގެ މާރިޗް 17 ގައި ބާއްވަން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާރިޗް 17 ގައި ބާއްވަން ނިންމާފައިވާ ކަަމަށެވެ.
މީލާދީ ކަލަންޑަރު ބުނާގޮތުން މާރިޗް 17 ދިމާވަނީ ރޯދަމަހުގެ ތެރެއަށެވެ. އެ ކަލަންޑަރުގައިވާ ގޮތުން އީސީގެ މި ނިންމުމާއެކު މަޖިލިސް އިންތިޚާބުގެ ވޯޓު ނެގުން އޮންނާނީ ރޯދަ މަހުގެ 7 ވަނަ ރޯދަ ދުވަހުއެވެ.
— Elections Commission (@ElectionsMv) January 10, 2024
އިންތިޚާބުގެ ތާރީޚް އިޢުލާން ކުރުމާއެކު އެ ތާރީޚްގައި އިންތިޚާބު ބާއްވަން ޖެހުނު ސަބަބުތައް ހާމަކޮށް އީސީން ބުނީ، މިއަހަރު ބާއްވާ މަޖިލީހުގެ އިންތިހާބު ދިމާވަނީ 1445 ވަނަ އަހަރުގެ ރޯދަ މަހާކަމުން، ރޯދަ މަހުގެ ފަހުގެ ތާރީހެއްގައި މި އިންތިޚާބު ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރިކަމަށެވެ. އަދި ތައުލީމާ ބެހޭ ވުޒާރާއިން އިސްލާހުކޮށް އާންމު ކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު، ފެށޭ ހަފްތާއަކީ ސްކޫލްތަކުގެ އިމްތިހާނު ދުވަސްތަކަށްވާތީ، ސްކޫލްތައް ލިބުން ދަތިވެ ވޯޓުލާ މަރުކަޒުތައް ގާއިމު ކުރުމަށްޓަކައި ކޮމިޝަނުން އެކަށީގެންވާ ތަންތަން ނުލިބޭނެ ކަމަށެވެ.
މީގ އިތުރުން ރޯދަ މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅުއްވާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެކަމަށް އީސީން ވަނީ ފާހަގަކޮށްފައެވެ.
އެހެންވެ، މިއަހަރު އޮންނަ މަޖިލީހުގެ އިންތިޚާބު މިއަހަރުގެ މާރިޗު މަހުގެ 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އީސީން ބުނެފަވެއެވެ.
މި އަހަރު އޮންނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި 93 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!