އޭނާ އާއި އޭނާގެ ޓީމު އޮތީ ކަމަރު ބަނދެގެން މަންޒިލަށް ވާސިލްވުމުގެ އަޒުމުގައި ކަމަށާއި އަޒުމެއް ނުގުޑާނެ ކަމަށް އަންނަ ހޮނިހިރު ދުވަހު މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު މިރޭ ވިދާޅުވެއްޖެއެވެ.

މާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އޭނާގެ ޓީމު އޮތީ ދިވެހިންގެ ދިވެހި ރާއްޖެ ކަށަވަރުކޮށް، ރާއްޖޭގެ މިނިވަންކަމާއި ދިވެހި ގައުމިއްޔަތުގެ ގައުމިއްޔަތު ހިފަހައްޓައި ޅަ ކުދިންގެ މުސްތަގްބަލް ޔަގީންކޮށް ދިނުމަށްޓަކައި ތައްޔާރަށް ކަމަށެވެ. އަދި އެއްވެސް ދިވެހި ރައްޔިތަކު އެކަމުގައި ޝައްކު ނުކުރެއްވުމަށް ވެސް އާޒިމާ ވަނީ އެދިވަޑައިގެންފައެވެ.

Ad
rt

އާޒިމާ ވަނީ ދިވެހިން ފަށާފައި އޮތް ތަރައްގީ އާއި ގައުމިއްޔަތުގެ ދަތުރު ދެބައިވެ، ދެކަފިވުމުގެ ފުރުސަތު ނުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އާޒިމާ، ފޮޓޯ: ޕީއެންސީ

"މާލެ އެއް ދިމާލަށް، ގައުމު އަނެއް ދިމާލަށް ގެންގޮސްގެން އަޅުގަނޑުމެންގެ މައްސަލަތައް ހައްލު ނުވާނެ. ގަބޫލު ކުރައްވާ މި ގައުމުގެ މިނިވަންކަމުގެ ވާހަކައަކީ ސީރިއަސް ވާހަކައެއް. އަޅުގަނޑުމެން މި ހީކުރާ ވަރަށް ވުރެ ސީރިއަސް ވާހަކައެއް. މިރޭ އަނެއްކާ ވެސް އަޅުގަނޑުމެންނަށް އުންމީދު އާވެއްޖެ. މާލޭގައި ބާއްވާ ކޮންމެ ޖަލްސާއެއްގައި އަޅުގަނޑުމެންގެ އުންމީދު ދަނީ އާ ވެގެން،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވި ގޮތުގައި އޭނާ އާއި އޭނާގެ ޓީމު ނުކުމެ ތިއްބެވީ ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮތުގައެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭނީ ގައުމުގެ ހައްގުގައި ތިބޭނެތީ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

"އަޅުގަނޑު ގާތުގައި އަހަމުން އަންނަ ވާހަކައެއް ކީއްވެހޭ ސަރުކާރު ކެންޑިޑޭޓަކަށް ވޯޓު ދޭންވީ. ސަރުކާރުގެ ކެންޑިޑޭޓަކަށް ވޯޓު ދޭންވީ އަޅުގަނޑުމެންނަކީ ގައުމު ދެކެ ލޯބިވާ މީހުންނަށް ވާތީ. އަޅުގަނޑުމެން ނުނިކުންނާނެ ގައުމު ހަލާކު ކުރާކަށް. އަޅުގަނޑުމެން ނުނިކުންނާނެ ގައުމުގެ ހަރު މުދާ ވިއްކާކަށް. އަޅުގަނޑުމެން ނުނިކުންނާނެ ގައުމުގެ ގައުމިއްޔަތު ވިއްކާކަށް." ކޮންމެ ފަދަ ހާލަތެއްގައި ވެސް މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަން ފާހަގަ ކުރައްވައި އާޒިމާ ވިދާޅުވިއެވެ.