ދިވެހި މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 100 މިލިޔަން ރުފިޔާ މާދަމާ ދޭނެކަމަށް ސަރުކާރުން ބުނެފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭޭ ވުޒާރާއިން މިރޭ ބުނީ މަސްވެރިންނަށް މިހާތަނަށް ނުދެވިހުރި ފައިސާ ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާދަމާ މަސްވެރިންނަށް 100 މިލިޔަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދިވެހި މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 100 މިލިޔަން ރުފިޔާ މާދަމާ ދޭން ސަރުކާރުން ނިންމިއިރު، މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި ރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެ ރޭ ބޭއްވެވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ތަސައްވުރާ އެއްގޮތަށް މަސްވެރިންނަށާއި، މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީ އަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަން ނިންމަވާފައިވާ ގިނަ ކަންތައްތަކެއް ހާމަކުރައްވާފައެވެ. އަދި އޭގެ ތެރެއިން ބައެއް ކަންކަން ވަނީ މިހާރު ތަންފީޒު ވެސް ކުރައްވާފައެވެ.
މީގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި، ފްކޯއަކީ ދިވެހި މަސްވެރިންގެ ބައިވެރިވުމާއެކީގައި ހިންގާ ސައްތައިންސައްތަ ދިވެހި ސަރުކާރުގެ ޤައުމީ ކުންފުންޏަކަށް ހަދާފައިވާއިރު، ދިވެހި މަސްވެރިންނަށް ދިމާވާ މާލީ އިޤްތިޞާދީ އެކިއެކި ދަތިތައް ހައްލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމަށް ދިވެހި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލަން ނިންމެވުމާއި، އަދި ފެލިވަރު ކާރުޚާނާ އިތުރަށް ތަރައްޤީ ކުރުމަށް މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، އިތުރު 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ ކާރުޚާނާއެއް އެޅުން ހިމެނެއެވެ.
މީގެ އިތުރުން އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ އުޅަނދުފަހަރަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ ދިރޭ އެން ހިމެނޭގޮތަށް ކަނޑުގެ ދިރުން އާލާކުރާނެ މަލްޓި ސްޕީޝިސް ހެޗަރީއެއް ޤާއިމްކުރުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރުމާއި، ފާނައިގެ މަސްވެރިކަން، އިހީގެ މަސްވެރިކަން، ހުއިފިލަނޑާގެ މަސްވެރިކަން ފަދަ ދާއިރާތަކުގެ މަސްވެރިންނަށް ލޯނު ތައާރުފު ކުރުމާއި އަދި ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓް ގާއިމު ކުރުން ހިމެނެއެވެ.
ރާއްޖޭގެ މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ޚާއްޞަ، އެޖެންސީއެއް އުފެއްދުމާއި އަދި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް މާކެޓުކުރުމަށް ހާއްސަ ކުންފުންޏެއް އުފެއްދުން ފަދަ ކަންކަން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!