އަމީނީ މަގުގެ ނުނިމި އޮތް ބައި ނިންމުމުގެ މަސައްކަތް ނިންމުމަށްފަހު، އެ މަގާއި ގުޅިފައިވާ ދެ ޖަންކްޝަންއެއް މާދަމާ އެއްގަމު އުޅަނދުފަހަރަށް ހުޅުވާލަން ނިންމައިފިއެވެ.

މާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިރޭ ބުނީ، މާދަމާ ހެނދުނު 6:00 ގައި އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަން އަދި ކަނބާ އައިސަރަނި ހިނގުމާ އަމީނީ މަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ހުޅުވާލެވޭނެ ކަމަށެވެ.

Ad
rt

މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ހެނދުނު 6:00 އިން ފެށިގެން އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 މުޅިން ހުޅުވާލެވޭނެކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

އަމީނީ މަގުގެ ނުނިމި އޮތް ބައި ނިންމުމުގެ މަސައްކަތުގެ ތެރެއިން އެމަގުގެ ސެގްމެންޓް 12 އަދި 13 ގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައި ވަނީ 7 ޖެނުއަރީ 2023 ދުވަހުގެ ރޭ ފަތިހުއެވެ.

އަމީނީ މަގުގެ ނުނިމިއޮތް ބައިގެ ޢަމަލީ މަސައްކަތް ފެށީ 9 ޑިސެންބަރު 2023 ގައިއެވެ. އެހެންކަމުން މި ދެ ސެގްމަންޓްގެ މަސައްކަތް ނިންމާލަން ހޭދަވެފައި ވަނީ 28 ދުވަހެެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް 84 މިލިއަން ރުފިޔާ އަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.

ކުރީ ސަރުކާރު ނިމުނުއިރު މިމަގުގެ ތާރުއަޅާ ނިމިފައިވަނީ ދަރުބާރުގެ ހުންނަ ސަރަހައްދުން ފެށިގެން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާ ހަމައަށެވެ.