ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް، ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާ ބައްދަލުކުރައްވައި، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެއިދާރާއިން ގުޅިގެން ކުރާން ހުރި ކަންކަމާބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެއިދާރާއިން ގުޅިގެން ކުރާން ހުރި ކަންކަމާބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ހިންގުނު މި ބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް މަޙްމޫދު ސަލީމާއި، ޢަލީ ސަމީރާއި އަދި ދެއިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާފަވެއެވެ.
މި ބައްދަލުވުމުގައި ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާމެދު މަޝްވަރާކޮށްފައިވާއިރު، ކުށްކުރާ މީހުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާއާއި ޙައްޤުނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނާ ޝުޖާޢު، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށާއި ގޭންގުތަކުން ހިންގާ ކުށުގެ ޢަމަލުތަކާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް މީހުން ހިންގާ ކަންކަން ހުއްޓުވުމަށް ފުލުހުން ހިންގަވަން ޤަޞްދުކުރައްވާ ޕްރޮގްރާމްތަކާބެހޭ ގޮތުން ޕީޖީ އޮފީހާ މައުލޫމާތު ހިއްސާކުރެއްވިކަމަށް އެ އޮފީހުން ބުނެއެވެ.
ކޮމިޝަނާ ފާހަަގަކުރެއްވި އެޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ޕީޖީ ޝަމީމް ވަނީ ފުލުހުން ދެއްވާފައިކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ވަނީ، ދެ އިދާރާގެ މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމްތަކާއި އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގުމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެފަދަ ޕްރޮގްރާމްތައް ގުޅިގެން ކުރިއަށްދާނެ ގޮތްތަކެއް ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!