ކުރީގެ ބަންޑާނައިބު އައިޝަތު އާޒިމާ ޝަކޫރު އާއި ގުޅުން ހުރި މައްސަލައެއް އެ ކޯޓުގައި ރަޖިސްޓަރީ ކުރެވިފައި ނެތް ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.
އެ ކޯޓުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޮންލައިން ނޫހެއްގައި، ރިއަލް އެސްޓޭޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދަޢުވާކޮށް އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޚަބަރެއް ޝާޢިއުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މި މަހު 9 ދުވަހަށް އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުމެއް ތާވަލުކޮށްފައިވާ ކަމަށް ވެސް އެ ޚަބަރު ގައި ބުނެފައިވީނަމަވެސް، އާއިޒާމާ އާއި ގުޅޭ މައްސަލައެއް އެ ކޯޓުގައި ރަޖިސްޓަރީކުރެވިފައިނުވާކަމަށް އެ ޚަބަރު ދޮގުކޮށް ސިވިލް ކޯޓުގެ ބަޔާނުގައި ބުނެފަވެއެވެ.
މީގެ އިތުރުން އާޒިމާގެ މައްޗަށް ހުށެހެޅުނު ކަމަށް ބުނާ މައްސަލައިގެ ލިޔެކިޔުންތައްކަމަށް އެ ނޫހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ސައްހަ ނޫންކަމަށް ވެސް އެ ކޯޓުން ބުނެފަވެއެވެ.
ސިވިލް ކޯޓުން ބުނީ ރައްޔިތުންގެ މެދުގައި އެ ކޯޓާމެދު ރަނގަޅުނޫން ތަސައްވުރެއް އުފެދޭގޮތައް ކޯޓުގެ ލިޔުންތަކެއްކަމަށްބުނެ ސައްޙަ ނޫން ލިޔުންތަކެއް ތައްޔާރުކޮށް ކޯޓުގެ އަގުވެއްޓޭ ގޮތަށް އެފަދަ ދޮގު ޚަބަރެއް ފެތުރުމުގެ ޢަމަލު ހިންގުން އެ ކޯޓުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
މިފަދަ ޢަމަލުތަކަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ޢަމަލެއްކަމަށް ބަލައި ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ސިވިލް ކޯޓުގެ ބަޔާނުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!