ބްރެޒިލް ލީގުގެ ސައުޕޯލޯގެ ކޯޗުގެ މަގާމުގައި ހުރި ޑޮރިވާލް ޖޫނިއާ ބްރެޒިލްގެ އައު ކޯޗަކަށް ހަމަޖައްސައިފިއެވެ.

އުމުރުން 61 އަހަރުގެ ޑޮރިވާލް ބްރެޒިލްގެ ކޯޗުގެ މަގާމަށް ހަމަޖައްސާފައިވާކަން ފުރަތަމަ އިއުލާން ކޮށްފައި ވަނީ، އޭނާ ކޯޗުކޮށްދެމުން އައި ސައުޕޯލޯއިންނެވެ.

Ad
rt

ބްރެޒިލްގެ ކޯޗުގެ މަގާމުގައި ހުރި ފެނާންޑޯ ޑިނީޒް ދާދި ފަހުން އެ މަގާމުން ވަކިކޮށްފައި ވަނީ އޭނާގެ އިރުޝާދުގެ ދަށުން ފަހުން ކުޅުނު މެޗުތަކުގައި ބްރެޒިލްގެ ނަތީޖާތައް ދަށްވުމާއި ގުޅިގެންނެވެ. މިދިޔަ ނޮވެމްބަރ މަހު ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމަށް އެންމެ މެޗަކުން ވެސް މޮޅެއް ނުހޯދުނެވެ. މިވަގުތު ބްރެޒިލް އޮތީ ދެކުނު އެމެރިކާ ކޮލިފައިންގެ ޕޮއިންޓް ތާވަލުގެ ހަވަނާގައެވެ.

ބްރެޒިލްގެ ކޯޗުކަމާއި ހަވާލުވުމަށް ފަހު އޭނާ ބުނީ މިއީ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އޭނާ ވަނީ ކޯޗިން ކެރިއަރުގައި މިހާތަނަށް ގިނަ ކުލަބްތަކެއްގައި މަސައްކަތްކޮށްފައެވެ. 2022 ވަނަ އަހަރު ފްލަމެންގޯއާ އެކު ކޮޕާ ޑި ބްރެޒިލް އަދި ދެކުނު އެމެރިކާގެ ސަރަހައްދީ ކްލަބު މުބާރާތް ކަމަށް ކޮޕާ ލިބެރްޓަރޯރެސް ވަނީ ކާމިޔާބު ކޮށްފައެވެ. އޭނާ ސައުޕޯލޯއަށް ބަދަލުވެ އެ ކުލަބާއިއެކު މިދިޔަ އަހަރު ވަނީ ކޮޕާ ޑި ބްރެޒިލް ކާމިޔާބުކޮށްފައެވެ.

ބްރެޒިލުން އައު ކޯޗެއް ހޯދާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ފާއިތުވެފައެވެ. ފުރަތަމަ ބްރެޒިލްގެ ކޯޗަކަށް ގެނައުމަށް މަސައްކަތް ކުރީ މިހާރު ރެއާލް މެޑްރިޑްގް ކޯޗުކަމުގައި ހުރި ކާލޯ އަންޗެލޮޓީއެވެ. އަންޗެލޮޓީ ދާދި ފަހުން ރެއާލުގައި އިތުރު ދެ އަހަރު މަޑުކުރަން އެއްބަސްވުން އައުކުރުމާއިއެކު ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަން މޮރީނިއޯއަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެކަން ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ޑޮރިވާލް އަކީ ކްލަބް ފުޓްބޯޅައިގައި ކާމިޔާބު ކޯޗެކެވެ. އޭނާގެ ކޯޗިން ކެރިއާގައި މިހާތަނަށް 12 ތައްޓެއް ވަނީ ކާމިޔާބު ކޮށްފައެވެ.