ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބުދުﷲ ނާޒިމް އިބްރާހިމް އެވެ.

Ad
rt

އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ނިންމުންތައް މީޑިއާ އާއި ހިއްސާކުރުމަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވެފައި ވަނީ، ހދ. ކޭލަކުނު އިކޯ ޓޫރިޒަމަށް ތަރައްގީކުރުމުގެ މަސައްކަތް ފަށަން، ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ނިންމަވާފައިވާ ކަމަށެވެ.

ކޭލަކުނަކީ އިކޯ ޓުއަރިޒަމްގެ ރަށަކަށް ހައްދަވާނެ ކަމަށާއި އެރަށަކީ އާމްދަނީ ލިބޭނެ ތަނަކަށް ހެދޭނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު 'ތިލަދުން' އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހު ހަފުތާގައި ދެއްވި މި ބަސްދީގަތުމުގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި، ރާއްޖޭގެ ވެރިކަަމަށް އާދެވިއްޖެނަމަ، އެކަން ކުރައްވާނެ ކަމަށާއި އޭގެން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށެވެ. އަދި އާމްދަނީ ލިބޭނެ ފުރުސަތުތައް ލިބި، ވަޒީފާގެ ފުރުސަތުތަކާއި ޓޫރިޒަމް ފުޅާކުރުމަށް ލިބޭ ފުރުސަތަކަށް ވެސް ވާނެ ކަމަށް ވިދާޅުވިއެވެ.

ކޭލަކުނަކީ80.23 ހެކްޓަރުގެ ބޮޑު ރަށެކެވެ. އެކިކަހަލަ ތަފާތު ރީތި ގަސްތަކުން ޖަރީވެފައިވާ، ހިމާޔަތްކޮށްފައިވާ ކޭލަކުނަކީ ރާއްޖޭގައި އޮތް ހަމައެކަނި "ޓްރޫ ފޮރެސްޓް" އެވެ.