ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޗާޕް ކުރާ ވޯޓް ކަރުދާހުގެ އަދަދު މަދު ކުރުމުގެ މަޝްވަރާތައް ފަށައިފި ކަމަށް އިލެކްސަން ކޮމިޝަންގެ ރައީސް އަހުދު ސަރީފް ވިދާޅުވެއްޖެއެވެ.
ސަރީފް މިހެން ވިދާޅުވީ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެވެ. ޝަރީފް ވިދާޅުވީ 2017 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ބޭނުންކުރަން ޖެހުނީ ހަތަރު ލައްކަ ވޯޓު ކަރުދާސް ކަމަށެވެ.
މިހާރު ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު ކޮންމެ ވޯޓަކަށް ވަކިން ކަރުދާސް ހަދާނަމަ 1.1 މިލިއަން ވޯޓު ކަރުދާސް ޗާޕު ކުރަން ޖެހޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މިހާރު ގާނޫނު އޮތް ގޮތުން ކައުންސިލް އިންތިހާބުގައި ކައުންސިލަށް ހޮވާ އަންހެނުން މެންބަރުން، ކައުންސިލް މެންބަރުން، ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް، ސިޓީ ކައުންސިލަށް ހޮވާ މެންބަރުން، ސިޓީ ކައުންސިލަށް ހޮވާ އަންހެން މެންބަރުން، ސިޓީގެ މޭޔަރު، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިންތިހާބު ކުރަންޖެހެ އެވެ. އެހެން ކަމުން އެ ހުރިހާ މަގާމަކަށް ވޯޓްލާން ނިންމީ ވަކި ކަރުދާސްކޮޅު ތަކެއްގައެވެ.
ޝަރީފު ވިދާޅުވީ ކޮންމެ ބަޔަކަށް ވަކި ވަކީން ވޯޓު ކަރުދާސް ހަދާ ކަމަށްވާނަމަ އިތުރު ވަގުތު ހޭދަވުމާއި ހަރަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ވޯޓުލާ ބައިތައް ވަކިވަކީން ކަރުދާހުގައި ޗާޕުކުރުމުގެ ބަދަލުގައި މިހާރު މަޝްވަރާ ކުރަމުން ދަނީ އެ ބައިތައް އެއް ގަނޑެއްގައި ޗާޕުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރަށްރަށުގެ ކައުންސިލް އިންތިހާބުގައި ކައުންސިލްގެ ރައީސް، ކައުންސިލްގެ އަންހެން މެންބަރުން އަދި ކައުންސިލްގެ އާންމު މެންބަރުން ހޮވުމަށް ވޯޓްލާނީ އެއް ކަރުދާހެއްގައި ނަމަވެސް ވަކި ވޯޓްތަކެއްގެ ގޮތުގައި." ޝަރީފް ވިދާޅުވިއެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. އެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!