މާލެ ސިޓީ ކައުންސިލްގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ ދެ ކައުންސިލަރުން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ މިރޭ ގުޅިވަޑައިގެންފިއެވެ.
މި ދެ ކައުންސިލަރުން ގުޅިވަޑައިގަތީ މި މަހުގެ 13 ވަނަ ދުވަހު މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ މެނިފެސްޓޯ އިއުލާން ކުރުމަށް މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.
ދެ ކައުންސިލަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ފޯމް ހަވާލު ކުރެއްވީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއެވެ.
ޕީއެންސީއާ ގުޅިވަޑައިގެންނެވީ މާލެ ސިޓީގެ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދާއި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމެވެ. ދެ ކައުންސިލަރުންގެ ތެރެއިން ނިޒްލީއަކީ އެމްޑީޕީގެ ކައުންސިލަރެކެވެ. އޭނާ އެ ގޮނޑިއަށް އިންތިހާބުވެވަޑައިގަތީ ވެސް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލައްވައިގެންނެވެ. ރީހާންއަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި އެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ. އެކަމަކު، ފަހުން އޭނާ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވިއެވެ.
ޑިމޮކްރެޓްސްގައި ހުންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާ ދާދި ފަހުން ވަނީ އެ ޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ.
މިރޭގެ ޖަލްސާގައިވެސް ޕީއެންސީއަށްވަނީ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ފޭދޫ ދާއިރާގެ ރައީސް އާއި ޑިމޮކްރެޓްސްގެ ހިންނަވަރު ދާއިރާގެ ރައީށް ހިމެނިވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!