ސަރުކާރަށް ޖެއްސުން ކުރާ މާލޭގެ މޭޔަރަކު ހޮވުމަކީ މާލޭގެ ރައްޔިތުންނަށް ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށާއި މާލޭގެ ކަންކަން ހަލުވިކަމާ އެކު ކުރިއަށް ގެންދަން މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރަށް ހޮވަން ޖެހޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އާޒިމާގެ މެނިފެސްޓޯ އިއުލާން ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގައި އެމަނިކުފާނު ހުންނެވި އިރުގައި އޭރުގެ ސަރުކާރުން ކޮންމެވެސް ކަހަލަ މަގެއް ކޮށައި ދިނުމުން ވާން ހުރި ކަންކަން ފިޔަވައި ސިޓީ ކައުންސިލުން ކުރަން ނިންމި ހުރިހާ ކަމެއް ކުރެއްވުނު ކަމަށެވެ. ސަރުކާރުން އެއްބާރުލުން ނުދިނުމުގެ ސަބަބުން މާލޭގެ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކަންކަން ނުވެ ހުރި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ad
rt

ބައެއް މިސާލުތައް ނަންގަވައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ކައުންސިލުން މާލެ އާއި ވިލިމާލޭގައި ފްލެޓުތަކެއް އެޅުމަށް ހުރިހާ ކަމެއް ނިންމެވި ނަމަވެސް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން އެކަމުގައި ނުދިން ކަމަށެވެ. އޭގެ އިތުރުން މަގުތައް ހެދުމަށާއި ޕާކިން ބިލްޑިންތައް އެޅުމަށާއި މަސް މާރުކޭޓު ތަރައްގީ ކުރަން ނިންމި ނަމަވެސް އެ މަޝްރޫއުތައް ވެސް ކުރިއަށް ނުގެންދެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްބާރުލުން ނުދެއްވީމަ، އެ ފްލެޓުތައް އެ ހުރީ ނޭޅި. ސިނަމާލޭގެ ފްލެޓުތަކާއި ވިލިމާލޭގައި އަޅަން ޖެހޭ ފްލެޓުތައް. މި ތަންތަނުގައި އެ ހުރީ ނޭޅި." ރައީސް ވިދާޅުވިއެވެ.

މާލޭގައި ދެވަނަ އަށް އެންމެ ބޮޑު މައްސަލައަކީ މަގުތަކުގެ މައްސަލަ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މަގު ހަދަމުން ދަނިކޮށް އެ މަޝްރޫއު ވެސް ސަރުކާރުން އަތުލި ކަމަށެވެ. ޕާކިން މައްސަލަ ހައްލު ކުރަން އިންވެސްޓަރުން ހޯދައިގެން ހައެއްކަ ސަރަހައްދުގައި ޕާކިން ބިލްޑިންތަކެއް އަޅަން ތައްޔާރުވިނަމަވެސް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ނުލިބިގެން އެކަން ވެސް ނުވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ލޭންޑް ޔޫސް ޕްލޭން ފާސްކޮށް ނުދީގެން މުޅި ދައުރު އަޅުގަނޑުމެން އުޅެން ޖެހުނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އޮތީ، ފްލެޓުތައް އެޅުމަށާއި މަގުތައް ހެދުމަށާއި ޕާކިން ބިލްޑިންތައް އެޅުމަށާއި މަސް މާރުކޭޓު ތަރައްގީ ކުރަން ކައުންސިލަށް ފުރުސަތު ދޭ ގޮތަށެވެ. އެހެން އެކަން އޮއްވައި ސަރުކާރަށް ޖެއްސުން ކުރަން ނޫނިއްޔާ ސަރުކާރާ އެކީގައި މަސައްކަތް ކުރުމުގެ ވިސްނުން ނެތް މީހަކު މާލޭގެ މޭޔަރަކަށް ހޮވައިފިއްޔާ އަނެއްކާ ވެސް މާލޭގެ ރައްޔިތުން ތަކުރާރު ކުރަން ޖެހޭނީ ކަންކަން ނުވެދާ ދުވަސްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން. ލާމަރުކަޒީ ނިޒާމު ކަންކަން ކުރަން ބޭނުންވާތީ ފުލް ޓައިމް ކައުންސިލްތަކަށް ދޭނެ ވަޒީރަކު ކެބިނެޓުގައި ހިމަނައިގެން ވުޒާރާއެއް އުފައްދައިގެން ރެއާއިދުވާލު ކައުންސިލްތަކަށް، އެލްޖީއޭ މެދުވެރިކޮށް ކަންކަންމި ދަނީ ފަހިވަމުން،" ރައީސް ވިދާޅުވިއެވެ.