ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަން ކުރެއްވި މުހައްމަދު ޝަހީބު، އެ މަގާމުން ވަކި ކުރައްވައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އައިއިރު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެކަމަކު، ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު ހިމެނޭ ޕޭޖްގައިވާ ގޮތުން ޝަހީބަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. އެނގިފައިވާ ގޮތުގައި، އޭނާ އެ މަގާމަށް ހަމަޖެއްސީ މިއަދުން ފެށިގެންނެވެ.
ތަރުޖަމާނަކަށް ޝަހީބު ހަމަޖެއްސީ މި މަހުގެ 13 ގައެވެ. ތަރުޖަމާނުކަން ދިންތާ 18 ދުވަސް ފަހުން ޝަހީބު މަގާމުން ވަކި ކުރި ސަބަބެއް ނޭނގެއެވެ.
ޝަހީބު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެތިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވި އިރު، ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދަވާ ގޮތާ މެދުގައި ހިތްހަމަނުޖެހި ބައެއް ނޫސްވެރިން އެ ޕްރެސް ކޮންފަރެންސްތަކުގައި ޝަހީބަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްގެ މަގާމު ވެސް އަދާކުރެއްވި ޝަހީބު ސަރުކާރުގެ ތަރުޖަމާނުގެ މަގާމަށް އައްޔަން ކުރުމުން ނޫސްވެރިންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެއީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްއަކަށް ހުންނަވައި އޭރުގައި ގިނަ އަދަދެއްގެ މީޑިއާތަކެއް ޖޫރިމަނާކޮށް ފިޔަވަޅު އެޅި މައްސަލައިގައެވެ.
މީގެ ފަސް އަހަރު ކުރިން 2019 ގައި ކޮމިޝަނުގެ މެންބަރު ކަމުން ޝަހީބު އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަނިކޮށެވެ. އެގޮތުން، އޭނާގެ މައްސަލަ ބެލި މަޖިލިހުގެ ކޮމިޓީން ވަނީ ޝަހީބު ވަކިކުރަން ފެންނަ ކަމަށް ނިންމައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!