އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ފުލަމް ބައްދަލުކުރި މެޗުން އާސެނަލް ބަލިވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ.
މިރޭ ފުލަމްގެ ފަނޑުގައި ކުޅުނު މެޗުގައި ފުލަމް އިން އާސެނަލްގެ މައްޗަށް ކުރި ހޯދީ އެ ޓީމުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ.
މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު އާސެނަލަށް އޮތެވެ. ނަމަވެސް މި ބައްޔާއިއެކު އެ ޓީމް ވަނީ ތާވަލުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. މިވަގުތު އެއްވަނާގައި އޮތީ ކުޅުނު 19 މެޗުން 42 ޕޮއިންޓް ހޯދައިގެން ލިވަޕޫލެވެ. ދެވަނާގައި 20 މެޗުން ލިބުނު 42 ޕޮއިންޓާއިއެކު އެސްޓަން ވިލާ އޮތްއިރު ތިންވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް 19 މެޗުން ލިބިފައި ވަނީ 40 ޕޮއިންޓެވެ. އާސެނަލް ހަތަރު ވަނާގައި އޮތީ 20 މެޗުން ލިބުނު 40 ޕޮއިންޓާއި އެކުގައެވެ.
އާސެނަލުން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައި ނުވެއެވެ. ލިވަޕޫލާއި އެއްވަރުވީއިރު ވެސްޓް ހޭމް އަތުންނާއި ފުލަމް އަތުން ވީ ބައްޔެވެ.
މިރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އާސެނަލުންނެވެ. މި ލަނޑު ފަސްވަނަ މިނެޓުގައި ޖަހައިދިނީ ބުކަޔޯ ސަކާއެވެ. ފުލަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 29 ވަނަ މިނެޓުގައި ރައުލް ހިމެނޭޒް ޖަހައިދިން ލަނޑުންނެވެ. މެޗުން ފުލަމް މޮޅުވި ލަނޑު 59 ވަނަ މިނެޓުގައި ޖަހައިދިނީ ބޮބީ ރެއިޑްއެވެ.
މި މޮޅާއިއެކު ފުލަމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 13 ވަނާގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!