ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަނުދޭން މަސައްކަތް ކުރުމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފަހަތަކަށްނުޖެހޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޟު އިސްމާއީލް (ފަޔާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 56 މަޖިލިސް މެންބަރުންކުރެ 13 މެންބަރަކު ރޭ ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފައެވެ.
ފަޔާ ވަނީ އެ މެންބަރުން އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތަށް އެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
‘’މިދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން މާތް الله ގެ ވާގިފުޅާއެކު އެމްޑީޕީ ދާނީކުރިއަށް.’’ ފަޔާ ވިދާޅުވެފަވެއެވެ.
އެމްޑީޕީދޫކޮށް ޕީއެންސީއާ ރޭ ގުޅިވަޑައިގަތް މެންބަރުންނަކީ، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ)، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ)، މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ، މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒް، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްޙަކީމް، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ)، ނިލަންދޫ ދާއިރާ މެންބަރު އަބްދުލްމުޙުސިން ހަމީދު އަދި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!