ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށައިއެވެ.

ފުލުހުން ބުނިގޮތުގައި މިއީ، ސްކޫލު ބަންދާއި، އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ އާއި ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށްދަތުރުކުރާ އޮޑިދޯނިފަހަރާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ.

Ad
rt

މެރިން ޕޮލިހުގެ މެރިން އެންފޯސްމަންޓް އަދި މެރިން އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ މި ހަރަކާތުގައި މާލެއިން މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެއުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ވެސް ދޭނެއެވެ.

މީގެ އިތުރުން ކަނޑު ދަތުރު ފަތުރުކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަަކަށް އަހުލުވެރިވެ އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާބެހޭ ގޮތުންވެސް މައުލޫމާތު ދޭނެއެވެ.

މީގެ ތެރޭގައި ރައްޔިތުން ހަވާލުކުރާ މުދާ ރައްކާތެރިކަމާއެކު އެތަކެތި ގެންދަންޖެހޭ މަންޒިލާހަމައަށް ގެންދިއުމުގައި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރުން ކޮންމެހެން މުހިއްމުކަންވެސް މި ހަރަކާތުގެ ތެރެއިން ފާހަގަކޮށް، އުޅަނދުތަކަށް ޕަސެންޖަރުން އަރުވާފައިވަނީ އެކަށީގެންވާ އަދަދަކަށްތޯ ބަލާނެކަމަށް ފުލުހުން ބުނެއެވެ.

މިހަރަކާތުގެ ތެރެއިން އޮޑިދޯނިފަހަރާއި ބޯޓުތަކަށް މުދާ ބަރުކޮށް ފުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ވެސް ފުލުހުން ކުރާނެކަމަށް އެ އިދާރާއިން ބުނެއެވެ.