ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ސަލާމަތުން ތިއްބާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ކުޅެލުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ކުއްލި މައްސަލައެއް މަޖިލިހަށް ހުށަހެޅުމުގެ ބަދަލުގައި ރައްޔިތުންގެ ހޮވި ސަރުކާރު ހިންގުމަށްޓަކައި މިނިސްޓަރުންނަށް ރުހުން ދިނުން މާ ރަނގަޅުވާނެ ކަމަށެވެ. އަދި މިކަމަކީ މެމްބަރުންގެ މައްޗަށް ލާޒިމް ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

Ad
rt

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ނުގެންދަނީ މަޖިލިސް ރައީސް މުހައްމަދު އަސްލަމްގެ ސީދާ ރޭވުމުގެ ދަށުން ކަމަށާއި އެމަނިކުފާނަށް އެ "ގޮނޑީގައި ނީދެވޭނެ" ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ވަޒީރުންނަށް ރުހުން ނުދީ މަޖިލިސް ޗުއްޓީ އަށް ދާތީ އެކަމަށް ވެސް ސަލީމް ފާޑު ވިދާޅުވިއެވެ.

"މިއީތޯ ޑިމޮކްރަސީތޯ؟ މިއީތޯ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ؟ މިއީތޯ ހުދުމުހުތާރު ކަމަކީ؟ ކޮބައިތޯ ހުދުމުހުތާރު ކަމަކީ؟ މިއީ ނޫންތޯ ހުދުމުހުތާރު ކަމަކީ؟" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެމްޑީޕީން އުޅެނީ ވެރިކަން ގެއްލުމާ ގުޅިގެން ރައްޔިތުން ހޮވި ސަރުކާރު ވައްޓާލުމަށާއި ވަޒީރުންނަށް ރުހުން ނުދިނުމަށެވެ. އެކަމަކު، ރައީސް މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި 22 މެމްބަރުންނަށް ރުހުން ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސަރުކާރު ވެސް ވައްޓައެއް ނުލެވޭނެ. އެކަން ވެސް ނުކުރެވޭނެ. އެކަމަށް ފުރުސަތެއް ވެސް ނުދޭނަން. އަޅުގަނޑުމެން މިތިބީ އެކަމުގައި ހިފައިގެން. އަޅުގަނޑުމެން ސަލާމަތުން ތިއްބާ ކުޅަދާނައެއް ނޫން މި ސަރުކާރާ ކުޅެލާކަށް. މި ސަރުކާރު ފަސް އަހަރު ދުވަހު ދެމި އޮންނާނެ،" ސަލީމް ވިދާޅުވިއެވެ.

ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ހިޔާލު ފާޅުކުރުމުގައި ވަކި މިންގަނޑެއް އޮންނަން ޖެހޭނެ ކަމަށާއި އެހެން މީހުންގެ އަބުރާއި ކަރާމާތާއި އިއްޒަތް ދުއްވާލުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން ކަމަށެވެ.

"ރައީސް މުއިއްޒުގެ ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ ތަނަވަސްކަން އެންމެ ފުރިހަމަ އަށް އެދަނީ ދެމުން. އެއަކަށް ހުއްޓުމެއް ނެތް. ނޫސްތަކުން ކިޔާނެ އެއްޗެއް ކިޔަނީ. ދައްކާނެ ވާހަކައެއް ދައްކަނީ. އެއަކަށް ހުރަސް އެޅުމެއް ނެތް. މި ވާހަކަތަކަކީ ހަދަ ހަދައިގެން ދެއްކޭ ދޮގު ވާހަކަތަކެއް،" ސަލީމް ވިދާޅުވިއެވެ.