ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ.)އާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި ދެ ރައީސުން ވަނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

ކުރީގެ ރައީސް މައުމޫނަކީ ސިޔާސީ ޕާޓީއެއްކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޒަޢީމް ވެސް މެއެވެ.

އެމްއާރުއެމުން، 17 ނޮވެމްބަރު 2023 ގައި ހުވާކުރެއްވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށާއި ނައިބު ރައީސް ހުސައިން މުޙައްމަދު 18 ނޮވެމްބަރުގައި މަރުޙަބާ ވެސް ކިޔާފައިވާއިރު، މަރުޙަބާގެ ބަޔާނުގައި މި ފަސް އަހަރަކީ ދިވެހި އުއްމަތަށް ތަރައްޤީއާއި ކުރިއެރުން ގެނެސްދޭނެ ފަސް އަހަރަށް ވާނެކަމަށް އުންމީދު ކުރާ ކަމަށް ވަނީ ބުނެފައެވެ.

ރައީސް މުޢިއްޒު ކުރީގެ ރައީސް، އެމްއާރުއެމްގެ ޒަޢީމް މައުމޫނާއި ބައްދަލުކުރެއްވިއިރު، މި ދިޔަ ހަފުތާގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ބައެއް ސިޔާސީ އިތުރު ލީޑަރުންނާއި ވެސް ބައްދަލު ކުރައްވާފައެވެ.

މީގެ ތެރޭގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމާއި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް، މީދު ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އަދި ދަ ޑިމޮކްރެޓްސްގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހިމެނެއެވެ.