ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދައި ޔުނީފޯމުން ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
މިއަދު ހަވީރު ގްރޫޕް އޭގައި ޑޮމިނޭޓާސްއާއި ޔުނީފޯމް ބައްދަލުކުރި މެޗު 6-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ޔުނީފޯމެވެ. މުޅި މެޗުގައި ވެސް ޔުނީފޯމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމުން ޖެހި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖަހައިދިނީ އަބްދުﷲ މިސްބާހް އެވެ. މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ. ދެން ޔުނީފޯމަށް ލަނޑު ޖަހައިދިނީ އަހްމަދު ސިނާން އާއި ހުސެއިން ސިނާން އެވެ.
ގްރޫޕް އޭގެ ކުރީގައި އޮތް ރިއަލް ސްޓާސްއަށާއި ޔުނީފޯމަށް ލިބިފައި ވަނީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓެވެ. ތިންވަނާގައި އަހުލީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކުގައެވެ. ހަތަރުވަނާގައި އޮތް ޑޮމިނޭޓާސްއާއި ފަސްވަނާގައި އޮތް ޔޫތު ފްރެންޑްސް ވަނީ މުބާރާތުން ކަޓާފައެވެ.
ދެން މި ގްރޫޕްގައި އޮންނާނީ އަހުލީއާއި ރިއަލް ސްޓާސް ބައްދަލުކުރާ މެޗާއި ޔުނީފޯމާއި ޔޫތު ފްރެންޑްސް ބައްދަލުކުރާ މެޗެވެ. ޔޫތު ފްރެންޑްސް ބަލިކޮށްގެން ޔުނީފޯމަށް ސެމީގެ ޖާގައެއް ކަށަވަރު ކުރެވެން އޮތްއިރު އަހުލީއާއި ރިއަލް ސްޓާސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގަ ލިބޭނެއެވެ.
މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ޝީލްޑާއި ފިނޭ ޑެޒަޔަރ ކްރޫއެވެ. މި މެޗުން ޝީލްޑް މޮޅުވެއްޖެނަމަ އެ ޓީމަށް ސެމީގެ ޖާގައެއް ލިބޭނެއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!