މިދުވަސްވަރަކީ ރޯގާ އިތުރުވާނެ ދުވަސްވަރެއް ކަމަށް ވުމުންނާއި، ގިނަ ޤައުމުތަކެއްގައި މިހާރު ފެތުރެމުން އަންނަ ކޯވިޑް-19ގެ އާ ވޭރިއަންޓަށް ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އެދިއްޖެއެވެ.

އެ އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ފެށޭ ހަފްތާއަކީ ސްކޫލްތަކާއި، ޔުނިވާސިޓީ އަދި ކޮލެޖްތަކުގެ ޗުއްޓީފެށޭ ހަފްތާ ކަމުން، ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ދުވަސްތަކެއް ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްވަރަކީ ރާއްޖެއިން އުމުރާގެ އަޅުކަމަށް ގިނަ އަދަދެއްގެ މީހުން ގޮސްއައިސްވާނެ ދުވަސްތަކެއްކަން ވެސް އެޗްޕީއޭއިން ފާހަގަކޮށްފަވެއެވެ.

Ad
rt

އެހެންކަމުން މި ދުވަސްވަރު އެހެން އަހަރުތަކަކޭ އެއްފަދައިން އަރިދަފުސް ރޯގާ، ވައިރަލްހުން އަދި ނޭވަލާ ނިޒާމަށްޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވާނެކަމަށް ބެލެވޭކަމަށް އެ އޭޖެންސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިހިނގާ ޑިސެންބަރު މަހުގެ ތެރޭގައި ކޯވިޑް-19 ގެ އައު ވޭރިއަންޓް JN.1 ދުނިޔޭގެ ގިނަ ޤައުމުތަކުގައި ފެނި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެފަވެއެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ޚާއްޞަ ސަމާލުކަން ދޭންވީ ކަންކަމުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައިވާ ކަންކަމަކީ؛

• އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން. އަދިޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ކުނިވަށިގަނޑެއް ފަދަ އެއްޗަކަށް އެއްލާލުން.
• ޢާއްމުސާފުތާހިރުކަމަށް ސަމާލުވުން އަދި ޚާއްޞަކޮށް، ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން.
• ރޯގާޖެހި ކެއްސާނަމަ، އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން.
• ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުންމަދުކުރުމާއި، ޚާއްޞަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
• މިފަދަ އެއްވެސް ބައްޔެއްގެ އަލާމާތެއް ހުރެއްޖެނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނެހެދުން.
• ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާވެސް މަދުމީހުން ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުން އަދި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.
• ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން، އަދި ވީހާވެސް ބޮޑަކަށް އެހެންމީހުންނާ އެކަހެރިވުން.
• އުމުރުން ދުވަސްވީ މީހުންނާއި ގިނަ ބަލިތަކަކަށް ބޭސްކުރާ މީހުން ކޮވިޑް-19 ވެކްސިން ޖެހުން. މިވެކްސިން ޖެހުމުން ބަލިޖެހުނު ކަމުގައިވިޔަސް ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ.
• އުމުރުން ދުވަސްވީ މީހުންނާއި 5 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން އިންފުލުއެންޒާ އިން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހުން.

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގޭގައިދެވިދާނެ ފަރުވާ

• ގިނައިން ދިޔާތަކެތި ބޭނުންކުރުން
• އަރާމުކުރުން
• ލުނބޯ ފަނި/ސައި،އިނގުރު ސައި އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން.
• ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ މަޝްވަރާޔާއި ލަފާގެ މަތިންނެވެ.

މީގެ އިތުރުން މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުންވެސް ވަރަށް މުހިންކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޗުއްޓީ ހޭދަކުރުމުގެ އެކި ކަންކަމުގައި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ބޭނުންކުރުމުގައާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.