ދުނިޔޭގެ ޗެމްޕިއަން ކުލަބުތަކުގެ މެދުގައި ބާއްވާ ކްލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ.

ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ކްލަބް ވޯލްޑް ކަޕް ފައިނަލް މެޗުގައި ސިޓީއާއި ބައްދަލު ކޮށްފައ ވަނީ ބްރެޒިލްގެ ފްލުމިނެންސޭ އެވެ. މި މެޗު ސިޓީން ވަނީ ފަސޭހަކަމާއި އެކު (4-0) ކާމިޔާބު ކޮށްފައެވެ. މިއީ ސިޓީން މި ތަށި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

Ad
rt

މި ތައްޓާއިއެކު ކަލަންޑަރ އިޔާގައި ފަސްތަށި ކާމިޔާބުކުރި ފުރަތަމަ އިނގިރޭސި ކްލަބްގެ ޝަރަފް ސިޓީއަށް ވަނީ ލިބިފައެވެ. ސިޓީން ވަނީ މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ސުޕަ ކަޕް ޗެމްޕިއަންކަން ހޯދައިފައެވެ.

ސިޓީއަކީ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި އިނގިރޭސި ހަތަރުވަނަ ކްލަބެވެ. މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީއާއި ލިވަޕޫލުން ވަނީ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

ރޭ މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމުން ވަނީ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ ހޫލިއަން އަލްވަރޭޒް އެވެ. ސިޓީގެ ދެވަނަ ލަނޑަކީ މެޗުގެ 27 ވަނަ މިނެޓުގައި ފްލުމިނެންސޭގެ ޑިފެންޑަރ ނިނޯ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ސިޓީގެ ތިންވަނަ ލަނޑު 72 ވަނަ މިނެޓުގައި އަލްވަރޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޖަހައިދިނީ ފޮޑެންއެވެ. މެޗުގެ ހަތަރުވަނަ ލަނޑު 88 ވަނަ މިނެޓުގައި ޖަހައިދިނީ މުޅި މެޗުގައި ވެސް މޮޅަށް ކުޅުނު އަލަވަރޭޒްއެވެ.

މުބާރާތުގެ ތިންވަނަ ހޮވާމެޗުގައި ބައްދަލުކުރީ ސައުދީގެ އަލް އަހްލީއާއި ޖަޕާންގެ އުރްވާ ރެޑް ޑައިމަންޑްސް އެވެ. އެ މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ތިންވަނަ ހޯދީ އަލް އަހްލީ އެވެ.