ދަ ޑިމޮކްރެޓިކްސްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ޢަލީ ރައްޒާން، ބަނަފްސާގެ/ހއ. ދިއްދޫ، ހަމަޖައްސައިފިއެވެ.

ޑިމޮކްރެޓިކްސްގެ ބައެއް މަގާމުތަކަށް މީހުން ހަމަޖައްސައި ޕާޓީގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފޮނުއްވާފައިވާ މެމޯއެއްގައިވާގޮތުން ރައްޒާން ވަނީ އެ ޕާޓީގެ އެސްޖީއަކަށް ހަމަޖައްސާފައެވެ.

Ad
rt

އެ ޕާޓީގެ ތަރުޖަމާނަކަށް ހަމަޖައްސާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މ. އަފްޒާ/މާލެ އެވެ.

އެ ޕާޓީގެ ކައުންސެލް ޖެނެރަލްގެ މަގާމަށް އަރުޝަދު އަބުދުލްޙަކީމް، ލިވަޕޫލް/ގދ. ދެއްވަދޫ، ހަމަޖައްސާފައިވާއިރު، ރަޖިސްޓާ ޖެނެރަލަކަށް ހަމަޖައްސާފައި ވަނީ ތާހާ ރަޝީދު، މއ. ސްނޯލައިޓް ނ4/ މާލެ، އެވެ.

ޑިމޮކްރެޓްސްގެ ބައެއް އިދާރީ މަގާމުތަކަށް މެންބަރުން ހަމަޖެއްސިއިރު، އެ ޕާޓީގެ ފުރަތަމަ އެތެރޭގެ އިންތިޚާބު 2 ޑިސެމްބަރ 2023 ދުވަހު ވަނީ ބާއްވާފައެވެ.

އެ އިންތިޚާބުގައި ޕާޓީގެ ރައީސްގެ މަގާމު ކާމިޔާބު ކުރެއްވީ، އެ ޕާޓީގެ މުއައްސިސް، ހަސަން ލަތީފް އެވެ. އެ ޕާޓީގެ ޒުވާނުންގެ ނައިބު ރައީސްގެ މަގާމު މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކާމިޔާބު ކުރެއްވިއިރު، އަދި އެ ޕާޓީގެ ނައިބު ރައީސް (އަންހެން) މަގާމު އައިޝަތު އަލައިކާ އަދުނާން ވަނީ ކާމިޔާބު ކޮށްފައެވެ.

އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރަކަށް ހޮވުނީ ފާތުމަތު ހަމްދާ އެވެ. އެ ޕާޓީގެ ޔަންގް ޑިމޮކްރެޓްސް ލީޑަރަކަށް މުހައްމަދު މާސިހު (މާޗީ)، ހޮވިފައިވާއިރު، އެ ޕާޓީގެ ޔަންގް ޑެމް ޑެޕިއުޓީ ލީޑަރަކަށް ހޮވިފައި ވަނީ ފިތުރާ މުހައްމަދު އެވެ.