ސަރުކާރުގެ ވެރިންނާއި، ކުންފުނިތަކާއި މަޖިލިސް މެންބަރުންނާއި ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކުރި ފާސްކުރުން އަނބުރާ ގެންދަން ދަ ޑިމޮކްރެޓްސް އިން ގޮވައިލައިފިއެވެ.
އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ މުސާރަތައް ބޮޑުކުރުމާއިގުޅޭގޮތުން މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ނިންމުމާއި ދެކޮޅަށް ''ތްރީލައިން ރެޑް ވިޕެއް'' ނެރެފައެވެ. ތްރީލައިން ރެޑް ވިޕަކީ އޭގެ މައްޗަށް ހުރިހާ ޕީޖީ މެންބަރުން ޢަމަލު ކުރުން ލާޒިމް ނިންމުމެކެވެ.
އެ ނިމުން ހާމަކޮށް އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މާލިއްޔަތު ކޮމެޓީން އެގޮތައް ނިންމީ ރާއްޖޭގެ އިގްތިޞާދު ނުރައްކާތެރި ހާލަތެއްގައި އޮތް ދަނޑިވަޅެއްގައި، ރާއްޖޭގެ ދަރަނި އިންތިހާ އަށް އިތުރުވެ، ބަޖެޓުގެ ފޫބައްދަން ފައިސާ ހޯދޭނެ ގޮތެއް ވެސް ކަށަވަރުވެފައި ނުވާކަން އިނގިވަޑައިގެން ތިއްބަވާ ކަމަށެވެ.
މީގެ އިތުރުން މިފަދަ ނިންމެވުމެއް ނިންމެވިއިރު އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި ސިވިލް ސާވަންޓުން ގެ މުސާރަ އާއި އުޖޫރަ ހަރަދުގެ ނިސްބަތުން އިންތިހާ އަށް ދަށުގައިވާކަން އެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ބަޔާނުގަވެއެވެ.
އެހެންކަމުން މާލިއްޔަތު ކޮމެޓީގެ ނިންމުންމާއި އެ ޕާޓީން ދެކޮޅުކަމަށާއި، އެ ނިންމުން އަނބުރާ ގެންދިޔުމަށް މަޖިލީހުގެ ރައީސަށް އެ ޕާޓީން ވަނީ ގޮވައިލާފައެވެ.
އެ މައްސަލާގައި އެ ޕާޓީގެ ޕީޖީ ގްރޫޕުން ''ތްރީލައިން ރެޑް ވިޕެއް'' ނެރެފައިވާކަން ހާމަކޮށް، އެއީ އެ ޕާޓީން ނެރޭ ފުރަތަމަ ތްރީލައިން ވިޕް ކަމަށް ބަޔާނުގައި ފާހަގަކޮށްފަވެއެވެ. އަދި މި ވިޕް ނެރެފައި ވަނީ ޕީޖީ ގުރޫޕުގެ އިއްތިފާގުން ކަމަށް ވެސް ބުނެފަވެއެވެ.
ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕްގައި 13 މެންބަރަކު ތިއްބަވައެވެ. އެ ޕާޓީ އަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!