ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިއަދު އެމިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ އަހަރީ ޗުއްޓީ އަކީ އާއިލީ ގުޅުން ބަދަހިކޮށް އާއިލާއާ އެކުގައި ވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްތަކަކަށްވުމަކީ މުހިންމުކަމެއްކަމަށެވެ.
ނަމަވެސް މިހާރު، ދިރާސީ އަހަރުނިމި ސްކޫލްތައް ޗުއްޓީއަށް ބަންދުކުރާ ދުވަސްވަރަކީ ޑިސެންބަރު އަދި ޖަނަވަރީ މަހެވެ. މިދުވަސްވަރު ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ އެންމެ ބާރު ބޮޑު ދުވަސްވަރުކަމަށް ވުމުން އެ ސިނާއަތުގައި މަސައްކަތް ކުރައްވާ ބެލެނިވެރިންނަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބުމުގައި ގިނަފަހަރު ދަތިތަކަކާ ކުރިމަތިވެއެވެ.
މިގޮތުން ކޮންމެ ކުއްޖަކުވެސް އަހަރީ ޗުއްޓީ އާއިލާގެ މެމްބަރުންނާއިއެކު ހޭދަކޮށްލެވޭނޭ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރެވުނު މަޝްވަރާތަކާއި ގުޅިގެން ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނައުމަށް ވަނީ ނިންމާފަކަމަށް މިނޫސްބަޔާނުގައި ބުނެފައި ވެއެވެ.
މިގޮތުން ދިރާސީ އަހަރު ނިންމާ މިހާރު ދޭ "ބޮޑު ޗުއްޓީ" 2 ބަޔަކަށްބާހާލުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން، މިގެނެވުނު ބަދަލާއިއެކު 2020 ވަނަ އަހަރުގެ ސްކޫލްތަކުގެ އަހަރީ ޗުއްޓީގެ ފުރަތަމަ ބައި 31 މެއި 2020 އިން 11 ޖޫން 2020 އަށް އަދި 2 ވަނަ ބައި 06 ޑިސެންބަރު 2020 އިން 07 ޖަނަވަރީ 2021 ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މިކަން މިގޮތައް ނިންމާ ސްކޫލްތަކުގެ ކަލަންޑަރ ގައިވެސް ހިމަނާފައި ވެއެވެ.
އަހަރީ ޗުއްޓީއަށް ގެނެވުނު މިބަދަލާއިއެކު އެހެން ސިނާއަތްތަކާއި އޮފީސްތަކަށްވެސް މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނޭ ކަމުގައި މިނިސްޓްރީ އިން ދެކޭކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!