އެސްޓީއޯއިން ކޮންޓްރޯލްޑް ރޭޓެއްއްގައި ފިޔާ އެތެރެކޮށް، ހޯލްސޭލަރުންނަށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ ބާޒާރުގައި އޮގަސްޓުމަހުން ފެށިގެން ފިޔާގެ އަގު އުފުލެމުން އައިސް އޮކްޓޯބަރު މަހާއި ހަމައަށް އައިރު ރާއްޖޭގެ ބާޒާރަށްވެސް އެކަމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން 400 ރުފިޔާއަށް ފިޔާ ބަސްތާއެއްގެ އަގު ރާއްޖޭގައި އުފުލިފައި ވާކަން ފާހަގަކުރެވުފައިވާ ކަމަށް ބުންޏެވެ.
ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު މަތިވަމުން ގޮސް ޑިސެމްބަރު މަހާ ހަމައަށް އައިއިރު ފިޔާ ބަސްތާއެއްގެ އަގު 800ރ – 900ރ ދެމެދުގެ އަގަކަށް އުފުލިފައިވާކަން ހާމަކޮށް އެސްޓީއޯއިން ބުނީ ދިވެހިންގެ އާއްމު ކެއުމުގައި ހިމެނޭ އެއްބާވަތެއްކަމަށްވާ ފިޔާގެ އަގު މި މިންވަރަށް އުފުލުމުން އެކަމުގެ ޝަކުވާ އެސްޓިއޯއަށްވެސް ލިބިފައިވާ ކަމަށެވެ.
އެސްޓީއޯ ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލަކީވެސް އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމެވެ. އަދި އަސާސީ ކާބޯތަކެތަކެތި އެތެރެކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތްކަން ސަރުކާރުން ކަށަވަރުކޮށްދީފައިވާ ގޮތަށް އާއްމުންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް އެސްޓީއޯއިން މިހާރުވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން މިހާރުވަނީ ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަންފަށާފައެވެ. ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ ވަނީ އެތެރެކުރެވިފައިވާ ކަމަށް ބުންޏެވެ.
އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތަކުން ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން، ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެސްޓީއޯއިން ކަނޑައަޅާފައިވާ މެކްސިމަމް އަގައްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހު ކަމަށާއި އެސްޓީއޯއިން އިލްތިމާސް ކޮއްފައިވާނީ ފިޔާ ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށް ކަމަށް ބުންޏެވެ.
އެސްޓީއޯއިން އިމްޕޯޓް ކޮއްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރުވަނީ ބާޒާރައް ނެރެފައެވެ. މިކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ސްޓޭބަލައިޒް ކުރުންކަމުގައިވުމުން ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބިގެން އަންނަންދެން، އަދި ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްގޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮއްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!