Lބަންގްލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުމަށް އަނެއްކާވެސް ހުއްދަ ދޭން ފަށައިފިއެވެ.
މިގޮތަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ނިންމާފައިވަނީ ބަންގްލަދޭޝުން ލޭބަރުން ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުންނެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ހުއްދަ ދޭން ފެށުމާ އެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލަފައިވާ ކަމަށެވެ. އެކަމަކު މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ފެށި ޕްރޮގްރާމެއްގެ ތެރެއިންނެވެ.
ކުރީސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮންމެ ގައުމަކަށް 150،000 ގެ ކޯޓާއެއް ކަނޑައެޅުމުން ބަންގްލާދޭޝްގެ ކޯޓާ ހަމަވެފައިވާ ކަމަށާއި އެހެންވެ އިތުރަށް އެ ގައުމުން މީހުން ނުގެނެވޭނެ ކަމަށެވެ. އެގޮތުން ބަންގްލާދޭޝް ލޭބަރުން ގެނައުން ފުރަތަމަ އެއް އަހަރަށް މަނާކުރުމަށް ފަހު، ކޮންމެ އަހަރަކު ދިޔައީ އެ މުއްދަތު އިތުރުކުރަމުންނެވެ.
ބަންގްލާދޭޝްގެ ލޭބަރުން ގެނައުން މަނާކުރުމާ އެކު އިންޑިއާ އާއި ސްރީ ލަންކާ އަދި އެހެން ބައެއް ގައުމުތަކުން ރާއްޖެއަށް ލޭބަރުން ގެންނަން ފެށިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!