މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު މިއަދު ތަރުތީބުކޮށްފިއެވެ.
މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވައެވެ. މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް ވަނީ ތަރުތީބުކޮށްފައެވެ.
ސިޓީ ކައުންސިލުން ދެން ހުސްވެފައިވާ ތިން ދާއިރާއަކީ މެދުހެންވޭރާއި ހެންވޭރު ދެކުނާއި މާފަންނު ދެކުނެވެ.
މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު:
• ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ
• ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު
• ކެންޑިޑޭޓް ނަންބަރު 3: އައިޝަތު އާޒިމާ ޝަކޫރު
• ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް
• ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު
މި ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އެ ޕާޓީގެ ކުރީގެ މެމްބަރު ޝުއައިބު އަލީ ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވެސް އަމިއްލަ ގޮތުން ވާދަކުރައްވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު އޭނާ އަށް ވަނީ ލިބިފައެވެ. ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ އިރު، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައެވެ. އަދި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ކަން ކުރައްވާ ސައިފް ވާދަކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ.
މާލޭގެ މޭޔަރާއި ހުސްވެފައިވާ ތިން ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 13 ގައެވެ.
މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. އަދި ކައުންސިލްގެ ތިން ދާއިރާއެއްގެ ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގަތުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!